03 Mar 2019, 16:36
މި އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ވަނީ މާލެ އަތޮޅުން ކަމަށް ތަފާސް ހިސާބުތައް ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ގްރީން ޓެކްސް ރިޕޯޓުގައި ވާގޮތުން މާލެ އަތޮޅުން 28.3 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ ދައްކައިފަ އެވެ. މާލެ އަތޮޅަކީ ޓޫރިސްޓު އެނދު އެންމެ ގިނަ އަތޮޅެވެ. އޭގެ ތެރޭގައި ޓޫރިސްޓު ރިސޯޓާއި ގެސްޓު ހައުސް އަދި ހޮޓާތައް ވެސް ހިމެނެ އެވެ.
މާލެ އަތޮޅުގެ ރިސޯޓުތަކުން 27 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވާ އިރު ހޮޓެލްތަކުން ދައްކާފައި ވަނީ 146،900 ރުފިޔާ އެވެ. ގެސްޓު ހައުސްތަކުން ދައްކާފައި ވަނީ 1.2 މިލިއަން ރުފިޔާ އެވެ.
ދެވަނަ އަށް އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައި ވަނީ އދ. އަތޮޅުންނެވެ. އެ އަތޮޅުން ޖުމްލަ 9.3 މިލިއަން ރުފިޔާ ގްރީންޓެކްސްގެ ގޮތުގައި ދައްކާފައިވެ އެވެ.
އދ. އަތޮޅުގެ ރިސޯޓުތަކުން ޖުމްލަ 9.1 މިލިއަން ރުފިޔާ ދައްކާފައިވާ އިރު އެއަތޮޅުގެ ގެސްޓުހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައި ވަނީ 217,985.00 ރުފިޔާ އެވެ.
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ޖުމްލަ 75 މިލިއަން ރުފިޔާ ޖެނުއަރީ މަހު ލިބުނު އިރު ރިސޯޓުތަކުން ދައްކާފައި ވަނީ 70 މިލިއަން ރުފިޔާ އެވެ. ގެސްޓު ހައުސްތަކުން ދައްކާފައި ވަނީ ތިން މިލިއަން ރުފިޔާ އެވެ. އަދި ހޮޓަލްތަކުން އެއް މިލިއަން ރުފިޔާ އެ މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވާ އިރު ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ރިސޯޓުތަކުން ރެއަކަށް ހަ ޑޮލަރު އަދި ގެސްޓު ހައުސްތަކުން ރެއަކަށް ތިން ޑޮލަރު ނަގަ އެވެ.
ގްރީން ޓެކްސްގެ ފައިސާ ބޭނުންކުރާނީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށްކަން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަށަވަރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.