ޑެންގީ ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ އެއް އަހަރުގެ ކުޑަ ކުއްޖަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އދ. މަހިބަދޫ ވެނީލާގު، އައިޝަތު އީނާލް އަބްދުﷲ ޒިޔާދު އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ، ޑެންގީ ޖެހިގެން މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އެ ކުއްޖާ މަރުވީ، ހާލުދެރެވެގެން އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

"ވޯޑުގައި ފަރުވާ ދެމުންދަނިކޮށް ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެނިކޮށް މިއަދު ހެނދުނު 6:05 ގައި މަރުވީ،" ޒީނަތު ވިދާޅުވި އެވެ.

އީނާލްގެ މަރާ އެކު ޑެންގީ ޖެހިގެން މި އަހަރުތެރޭގައި މަރުވި މީހުންގެ އަދަދު މި ވަނީ 12 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.