03 Mar 2019, 16:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އދ. ފެންފުށީ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރަށުގެ އިޤްތިޞާދީ ނަފާ އިތުރުކުރުމަށް ރާއްވަވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވި އެވެ. އަދި ހާއްޞަ ގޮތެއްގައި، ބިމުގެ ދަތިކަމުގެ މަޢުލޫމާތު ޙިއްޞާކުރެއްވި އެވެ.
މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގައި ލެބޯރޓަރީއެއް ނެތުމުން ކުރިމަތިވާ ދަތިތަކާއި ނަރުދަމާ އަދި ފެނުގެ ނިޒާމް ގާއިމު ވެފައިނެތުމުން ކުރިމަތިވާ ދަތިތަކާއި ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ޒުވާނުން ކުޅިވަރު ކުޅޭނެ ދަނޑު ފަދަ ތަންތަން ޤާއިމުކޮށްދެވިފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވި އެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެންފުށި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.