ސޯލް (މާޗް 3): އެމެރިކާ އާއި ދެކުނު ކޮރެއާއިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތައް ހުއްޓާލާ، އޭގެ ބަދަލުގައި ވަކި މިޝަންތަކަށް ހާއްސަކޮށްގެން ކުދި ތަމްރީނުތައް ކުރިއަށްގެންދަން ދެ ގައުމުން ނިންމައިފި އެވެ.

ދެކުނު ކޮރެއާގެ ޑިފެންސް ސެކްރެޓަރީ ޖޮންގް ކިޔޮންގްޑޫ އާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕެޓްރިކް ޝަނަހަން، ދެގައުމުގެ އަސްކަރީ ތަމްރީނުތައް ހުއްޓާލަން ނިންމެވީ އިއްޔެ ފޯނުން ވާހަކަ ދެއްކެވުމަށް ފަހުގަ އެވެ. އެއީ ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށް ދެގައުމުން ބުންޏެވެ.

މީގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެތަމްރީނުތަކަށް ހަރަދު ކުރަން ޖެހޭ މިންވަރާ ބެހޭ ގޮތުން ޝަކުވާ ކުރައްވައިފަ އެވެ. އަދި އުތުރު ކޮރެއިއާން ތުހުމަތު ކުރާ ގޮތުގައި ދެކުނާއި އެމެރިކާ އިން އެތަމްރީނުތައް ކުރަނީ އުތުރަށް އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

މިދިޔަ ހަފްތާގައި ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ދެވަނަ ފަހަރަށް ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް އެބައްދަލުވުން ނިމުނީ ދެފަރާތުން އެއްބަސްވުމަކަށް ނާދެވެނީސް އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން ދެގައުމުން އެއްބަސްވުމަކަށް ނާދެވުނީ، އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅު އުވާލަން އެގައުމުން ޝަރުތު ކުރުމުންނެވެ.