މިދިޔަ އަހަރު 2534 މީހުންގެ މައްޗަށް ދައުވާކޮށް، ކޯޓުތަކަށް ފޮނުވި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ މި މީހުންގެ ތެރެއިން 2004 މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ސުޕީރިއާ ކޯޓުތަކުގައި ކަމަށާއި 530 މީހުންގެ މައްޗަށް ދައުވާ ކުރުމަށް މެޖިސްޓްރޭޓް ކޯޓުތަކަށް ފޮނުވާފައިވާ ކަމަށެވެ.

ސުޕީރިއާ ކޯޓުތަކުގައި ދައުވާކުރި މީހުންގެ ތެރެއިން، 980 މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކްރިމިނަލް ކޯޓަށް ކަމަށާއި ޑްރަގް ކޯޓަށް 973 މީހުންގެ މައްސަލަ އަދި ޖުވެނައިލް ކޯޓަށް 51 ކުދިންގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މި މައްސަލަތަކުގައި ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައި ޖުމްލަ 100 އަންހެނުން ހިމެނޭ ކަމަށާއި މީގެ ތެރޭގައި ހިމެނީ 2434 ފިރިހެނުން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

މީގެ ތެރޭގައި 18 އަހަރުން ދަށުގެ 75 ކުދިން ހިމެނޭ އިރު، 2459 މީހުންނަކީ 18 އަހަރުން މަތީ މީހުން ކަމަށް ވެސް ޕީޖީގެ އަހަރީ ރިޕޯޓުގައިވެ އެވެ.

ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ކުށުގެ ބާވަތަށް ބަލާ އިރު، ޖުމްލަ 116 ބާވަތެއްގެ މައްސަލާގައި 1790 މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މީގެ ތެރެއިން 426 މީހުންގެ މައްޗަށް ހުށަހަޅާފައިވާ ކުށުގެ ބާވަތަކީ ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ ކަމަށާއި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލަތައް ކަމަށް ރެ ރިޕޯޓުގައިވެ އެވެ. އެއީ، 319 މީހުންނެވެ. މީގެ އިތުރުން 98 މީހުންގެ މައްޗަށް ވައްކަންކުރުމުގެ ކުށުގެ މައްސަލަ ހުށަހެޅިފައިވާ ކަމަށާއި ދައުވާލިބޭ ފަރާތުގެ ގޮތުގައި ޖުމްލަ 70 އަންހެނުން އަދި 1720 ފިރިހެނުން ހިމެނޭކަމަށް އެ ރިޕޯޓުގައިވެ އެވެ.

މިމައްސަލަތަކުގައި ދަޢުވާލިބޭ ފަރާތްތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ 67 ކުދިން ހިމެނޭ ކަމަށާއި މީހުންނަކީ 18 އަހަރުން މަތީ މީހުންގެ އަދަދަކީ 1723 ކަމަށް ރިޕޯޓުގައިވެ އެވެ.

ތަހުގީގީ އިދާރާތަކުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 2288 މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ އިރު 1790 މީހުންގެ މައްސަލަ ދައުވާ ކުރުމަށް ކޯޓުތަކަށް ފޮނުވާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.