ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ބުނެފި އެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ސިލްސިލާ ގޮތެއްގައި ކޮންމެ ދުވަހެއްގައި އެމްޑީޕީން ކުރިއަށް ގެންދާ ނޫސްކޮންފަރެންސްގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ، ރައީސް ސޯލިހުގެ އައްޑޫ ދަތުރުފުޅުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ބޭނުންވޭ މި ހަފްތާ ފަހުކޮޅު 8 އިން 10 މާޗަށް ރައިސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ އައްޑޫ ދަތުރުފުޅެއް އޮންނާނެ،" އަފްޝަން ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި އެކި ދާއިރާތަކުގައި ހާއްސަ އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަން އަފްޝަން ފާހަގަ ކުރެއްވި އެވެ.

އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބްގައި 86 ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީން ކެންޑިޑޭޓުން ނެރެފައިވާ އިރު ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވަނީ، އެމަނިކުފާނު ބޭނުންފުޅު ވަނީ ސަރުކާރަށް މެޖޯރިޓީ އޮންނަ މަޖިލީހެއް ކަމަށެވެ.