ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓާންޝިޕް ފުރުސަތު ފަހިކޮށްދިނުމަށް އަނަންތާރާ ރިސޯޓާއި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެމްޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް، އަނަންތާރާ ރިސޯޓްގައި އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުސަތު ލިބޭނެ އެވެ. އަދި ހޮސްޕިޓަލިޓީ ދާއިރާއިން ވަޒީފާ ހޯދުމަށް އެކުދިންނަށް މަގުފަހިވެގެންދާނެ އެވެ.

އަނަންތާރާ ދިގު ރިސޯޓުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އަނަންތާރާ ރިސޯޓުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އެޑްރިއަން ސްޓޯޕްއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން މުޖުތަމައަށް ނެރުމަށް ކުންފުނިތަކުގެ ހިއްސާ ވަރަށް މުހިންމު ކަމަށާއި ފާއިތުވެ ދިޔަ އަހަރުތަކުގައި ވެސް މި ނަމޫނާ އަނަންތާރާ ރިސޯޓުން ދައްކަމުން އައި ކަމަށެވެ.

މިހާރު ވެސް ވެސް އަނަންތާރާ ރިސޯޓުގައި ހިޔާގައި އުޅުނު ކުއްޖަކު ޓްރޭނިން ޕްރޮގްރާމް ފުރިހަމަކޮށް ވަޒީފާ އަދާކުރަމުން ދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިފަދަ ފުރުސަތުތަކުގެ ބޭނުން ކުދިން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

ޖެންޑާ މިނިސްޓްރީ އާއި އަނަންތާރާ ރިސޯޓާ ދެމެދު މި ފަދަ އެއްބަސްވުމެއްގައި މީގެ ކުރިން ވެސް ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ދެ ކުއްޖަކު އަނަންތާރާ ރިސޯޓުގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބުނެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމާ އެކު އިތުރު ތިން ކުއްޖަކަށް މި ފުރުސަތު ތަނަވަސްވެގެންދާނެ އެވެ.

މީގެ އިތުރުން ވެސް އިތުރު ރިސޯޓުތަކާއި، ކުންފުނިތަކާ އެކު މި ފަދަ އެއްބަސްވުންތައް މިނިސްޓްރީ އިން ވަނީ އެކުލަވާލައިފަ އެވެ.