03 Mar 2019, 13:34
ވޮޝިންޓަން (މާޗް 3): ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ފަހުގެ ތާރީހުގައި އިންތިހާބުވި އެންމެ ނުރައްކާތެރި ރައީސް ކަމަށް އެގައުމުގެ ރިޔާސީ ކެނޑިޑޭޓު ބާނީ ސޭންޑާސް ވިދާޅުވެއްޖެ އެވެ.
ވާމަންޓުގެ ސެނެޓަރު ސޭންޑާސް އެފަދައިން ވިދާޅުވީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަން ފައްޓަވައި، ނިއުޔޯކްގެ ބްރުކްލިންގައި ދެއްވި ތަގުރީރެއްގަ އެވެ.
"ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑެސީ ކާމިޔާބު ކުރުމަށާއި، އެމެރިކާގެ ފަހުގެ ތާރީހުގައި އިންތިހާބުވި އެންމެ ނުރައްކާތެރި ރައީސް ކަމަށްވާ ޑޮނަލްޑް ޓްރަމްޕް އިންތިހާބުން ބަލި ކުރަން ފަށާފައިވާ ކެމްޕެއިނުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން،" ސޭންޑާސް ވިދާޅުވި އެވެ.
އެތަގުރީރުގައި ޓްރަމްޕާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސޭންޑާސް ވަނީ ދެބޭފުޅުންގެ މެދުގައި ހުރި ތަފާތު ކަންތައްތައް ފާހަގަ ކުރައްވައިފަ އެެވެ. އެގޮތުން ސޭންޑާސް ވަނީ އޭނާއަކީ އެމެރިކާއަށް ހިޖުރަކުރި، ފަގީރު، ޔަހޫދީ މީހެއްގެ ދަރިއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއާ ހިލާފަށް ޓްރަމްޕަކީ އެންމެ ކުޑަ އިރު ވެސް އެތައް ހާސް ޑޮލަރުގެ އެލޮވެންސެއް ލިބިލެއްވި ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.
ސޭންޑާސްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި އެގައުމުގެ މިނިމަމް ވޭޖް 7.25 ޑޮލަރުން 15 ޑޮލަރަށް އިތުރު ކުރުމާއި ޔުނިވާސަލް ހެލްތުކެއާ ދިނުމާއި ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް ވަޒީފާ ލިބޭނެކަން ޔަގީން ކުރުމަށް "ފެޑެރަލް ޖޮބްސް ގެރެންޓީ"އެއް ތައާރަފް ކުރުން ހިމެނެ އެވެ.
ސޭންޑާސްއަކީ އެމެރިކާގެ ކޮންގްރެސްގައި އެންމެ ގިނަ ދުވަސްވަންދެން ހިދުމަތް ކުރައްވަމުން ގެންދަވާ މިނިވަން ކެނޑިޑޭޓެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް ނޮމިނޭޝަނަށް ވާދަ ކުރައްވަނީ އެހެން ޕާޓީއަކުން ވާދަ ކުރައްވާ ނަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ކުޑަވާނެތީ އެވެ.
ސޭންޑާސްގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަމަށް ވާދަ ކުރައްވާ ފަރާތްތަކުގެ ތެރޭގައި ސެނެޓާ އެލިޒަބެތު ވޮރެން، ސެނެޓާ ކަމަލާ ހެރިސް، ސެނެޓާ ކާސްޓެން ޖިލިބްރޭންޑް، ކުރީގެ ސެކްރެޓަރީ އޮފް ހައުސިން ހޫލިއާން ކާސްޓްރޯ ހިމެނެ އެވެ. އެއީ ޑިމޮކްރެޓިކް ޕްރައިމަރީގައި އެކަކަށް ވުރެ ގިނަ އަންހެނުން ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ.