ސްކޫލުގެ އެކި ހަރަކާތްތައް ހިންގުމަށް ހުޅުމާލޭ ރެހެންދި ސްކޫލުން މިއަހަރުވެސް ނައިޓް މާކެޓް ބާއްވަން ނިންމައިފިއެވެ.

ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކޮށް ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބާއްވާ ނައިޓް މާކެޓް އޮންނާނީ މިމަހުގެ ހަތަކުން 16 އަށެވެ. ރެހެންދި ނައިޓް މާކެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރެހެންދި ސްކޫލުގެ ޕީޕޓީއޭ އެކްސްކޯގެ ހަޒާންދާރު އުސްމާން އާމިރު ވިދާޅުވީ ނަިއޓު މާކެޓުގައި މިއަހަރު 200 މޭޒު ބަހައްޓާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 200 މޭޒު ބެހެއްތުން. މާދަމާގެ ނިޔަލަށް މޭޒު ވިއްކާނީ. މިހާރު 70 ޕަސެންޓު މޭޒު ވިކިއްޖެ،" އާމިރު ވިދާޅުވިއެވެ.

ރެހެންދި ނައިޓު މާކެޓުގައި އާންމުކޮށް ހުރިހާ ބާވަތެއްގެ މުދާވެސް ވިއްކާނެއެވެ. ކާއެއްޗެހި ވިއްކުމަށް މިފަހަރު އަށް ސްޓޯލު ދޫކުރާއިރު ކެންޓީނުގެ ހިދުމަތް މިފަހަރު ދެނީ ސިލްވާ ސްޕޫން އިންނެވެ.

"ކުރީ އަހަރު އަޅުގަނޑުމެން ވިއްކީ 112 ސްޓޯލް. ވަރަށް ގިނަ ބަޔެއްގެ އެދުމުގެ މަތިން ސްޓޯލް އިތުރު ކުރީ. މިފަހަރު ސްޓޯލް ދޫކުރަނީ އަޅުގަނޑުމެން އަމިއްލައަށް ތައްޔާރުކޮށްފަ. ހިޔާކޮށް ކަރަންޓު ސޮކެޓުވެސް ލައިފަ،" އާމިރު ވިދާޅުވީ ނައިޓު މާކެޓުގެ ސްޓޯލު ވިއްކަނީ 6،500 ރުފިޔާ އަށް ކަމަށެވެ.

މީގެ ކުރިން ރެހެންދި ސްކޫލުން ބޭއްވި ނައިޓު މާކެޓަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ނައިޓު މާކެޓުން ލިބުނު ފައިސާ އިން މިއަހަރު ސްކޫލު ހުޅުވެން ވާއިރަށް ސްކޫލު ގޯތިތެރޭ ވަނީ ޓާފު އަޅައިފައެވެ. 2017 ވަނަ އަހަރު ސްކޫލުގެ ކްލާސް ރޫމު ތަކުގައި ޕްރޮޖެކްޓަރު ހަރުކުރީވެސް ނައިޓު މާކެޓުން ލިބުނު ފައިސާ އިންނެވެ. އާމިރު ވިދާޅުވީ މިއަހަރު އެންމެ އިސްކަން ދޭނީ ސްކޫލު ލައިބްރަރީ ޒަމާނީ ކުރުމަށް ކަމަށެވެ.