03 Mar 2019, 12:08
ވޮޝިންޓަން (މާޗް 3) : އުތުރުކޮރެޔާއަށް ރަނގަނޅު މުސްތަގްބަލެއް ލިބޭނީ ނިއުކްލިޔަރ ހަތިޔާރު ނައްތާލައިގެން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވޮޝިންޓަންގައި ކުރިޔަށްދާ އެމެރިކާގެ ކޮންޒަވެޓިވް ފިކުރުގެ އެކްޓިވިސްޓުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރު ދޫކޮށް އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުންނާ އަދި އުފެއްދުންތެރިކަމުގެ ގޮތުން ކުރިޔަށްދާން އުތުރުކޮރެޔާ ނިންމައިފިނަމަ އެގައުމުގެ ރައްޔިތުންނަށް ތަނަވަސް މުސްތަގްބަލެއް ލިބިގެންދާނެކަމަށާ މިގޮތަށް ކުރިޔަށް ދިޔުމުގެ ހުރިހާ ގާބިލް ކަމެއް އުތުރުކޮރެޔާއަށް ލިބިގެންވާ ކަމުގައެވެ.
ނަމަވެސް ނިއުކްލިޔަރ ހަތިޔާރު ދޫނުކުރާނަމަ އުތުރުކޮރެޔާ އޮންނާނީ އިގްތިސާދީ ގޮތުން އިނދަޖެހިފައިވާ އެކަހެރި ގައުމެއްގެ ގޮތުގައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ އެންމެފަހުން އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އާއެކު ވިއެޓްނާމް ގައި ބޭއްވި ސަމިޓް ނާމާކިޔާބު ވިނަމަވެސް އޭނާއާއި އުތުރުކޮރެޔާގެ ލީޑަރުގެ ގުޅުންތައް ރަނގަނޅު ކަމަށާއި ސުލްޙައާއިގެން ކުރިޔަށްދިޔުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމުގައެވެ.
ވިއެޓްނާމްގައި މިދިޔަ ފެބްރުއަރީމަހުގެ 27 ން 28 ށް ބޭއްވި ޓްރަމްޕާއި ކިމް ސަމިޓް ނާކާމިޔާބުވީ ސުލްޙައަށް ޓަކައި ދޫދިނުމަށް ޓްރަމްޕް ދެކޮޅު ހެއްދެވުމުގެ ސަބަބުންނެވެ. އެ ސަމިޓްގައި ކިމް ވަނީ އުތުރުކޮރެޔާގެ އެންމެ ބޮޑު ނިއުކްލިޔަރ މަރުކަޒު ކަމަށްވާ ޔޮންގްބިޔޮންގް ނިއުކްލިޔަރ މަރުކަޒު އެއްކޮށް ރޫޅާލައި ނިއުކްލިޔަރ ހަތިޔާރުތައްވެސް އދ. ގެ ބެލުމުގެ ދަށުން ނައްތާލުމަށް ހުށަހަޅާފައެވެ. ނަމަވެސް އެކަން ކުރެވޭނީ އެކަންކުރަމުން ގެންދާއިރު، އުތުރުކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އެއާ އެއްހަމައެއްގައި ނައްތާލައިގެންކަމަށް ކިމް ހުށަހެޅުއްވުމާއެކު ޓްރަމްޕްވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. ސަމިޓް ނާކާމިޔާބުވެގެން މިކަމުގެ ސަބަބުންނެވެ.
ޓްރަމްޕް ބޭނުންފުޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ކުޑަވެސް ލުއެއްނުދީ އެންމެފުރަތަމަވެސް އުތުރުކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު އެއްކޮށް ނައްތާލައި ނިއުކްލިޔަރ މަރުކަޒުތައްވެސް ހަލާކުކޮށްލުމަށެވެ. ނަމަވެސް މިގޮތަށް ކަންތައްކޮށްފިނަމަ އެމެރިކާ އުތުރުކޮރެޔާއަށް ހަމަލާދީ އެގައުމުގެ ވެރިކަމުގެ ނިޒާމު ވައްޓާލައި އެމެރިކާ ބޭނުންވާ ގޮނޑިކޮއްކޮއަކު އެގައުމުގެ ވެރިކަމަށް ގެނައުމަށް މަސައްކަތް ކޮށްފާނެ ކަމުގެ ބިރު އުތުރު ކޮރެޔާ އިޙްސާސް ކުރާތީ ކިމް ވަނީ އެކަމާ ކަނޑައެޅިގެން ދެކޮޅު ހައްދަވާފައެވެ.
ޓްރަމްޕާއި ކިމްގެ ސަމިޓް ނާކާމިޔާބުވިޔަސް އުތުރުކޮރެޔާގެ އެމެރިކާ އާއި އުތުރުކޮރެޔާއާ ދެމެދު ސުލްހައިގެ ވާހަކަތަކުގެ ދޮރު އަބަދުވެސް ހުޅުވާފައި ބާއްވަން ބޭނުން ކަމަށް އުތުރުކޮރެޔާގެ ޚާރިޖީ ވަޒީރު ރީ ޔޮންގް ހޯ ވަނީ ވިދާޅުވެފައެވެ. ސަމިޓަށްފަހު ޓްރަމްޕްވެސް ވަނީ އުތުރުކޮރެޔާއާއެކު ސުލްޙައިގެ ވާހަކަތައް ކުރިޔަށް ދެވިދާނެ ކަމުގެ އިޝާރަތެއް ދެއްވާފައެވެ. ނަމަވެސް ދެބޭފުޅުންގެ އިތުރު ސަމިޓެއް ބޭއްވުމަށް އަދި ނިންމާފައެއް ނުވެއެވެ.
އެމެރިކާއަކީ ނިއުކްލިޔަރ ހަތިޔާރު މޮނޮޕޮލީ ކުރުމުގެ ސިޔާސަތު ގެންގުޅޭ އިންޕީރިއަލް ވިސްނުމުގެ ގައުމެކެވެ. އެތެރޭން އެމެރިކާގައި ޑިމޮކްރަސީ އޮތްނަމަވެސް އެމެރިކާގެ އަމަލުތައް އެހެންގައުމުތަކާމެދު ހުންނަނީ ވަރަށް އަނިޔާވެރި އުދުވާނީ އަދި އިސްތިއްމާރީ އުސޫލަށެވެ.
އެމެރިކާ ނޫން ގައުމެއްގައި ނިއުކްލިޔަރ ހަތިޔާރު ހުރުމަށް އެމެރިކާ އަބަދުވެސް ދެކޮޅު ހަދައެވެ. އަދި ކުޑަ ގައުމަކުން އެކަން ކުރާނަމަ އެގައުމަކީ ނުބައި ގައުމެއް ކަމަށް ހަދައި އެގައުމު އިނަދަ ޖައްސާލުމަށް އެމެރިކާ މަސައްކަތް ކުރެއެވެ. މިކަމުގެ ބޭނުމަކީ އެމެރިކާ އިން ދުނިޔޭގެ ގައުމުތަކުގައި ހަންފެތުރުން ކަމަށް އެމެރިކާއަށް ފާޑުކިޔާ ފަރާތްތަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)