03 Mar 2019, 10:52
ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުޅުވާލައިފި އެވެ.
އެ ހިދުމަތް ލިބިގަތުމަށް ޓަކައި މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ މިމަހުން ފެށިގެން ނުނަގާ ގޮތަށް ބޭންކުން ވަނީ ހަމަޖައްސައިފަ އެވެ. އަދި މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި އެ ހިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކެއް ވެސް ބީއެމްއެލް އިން ވަނީ ކަނޑައަޅައިފަ އެވެ.
ބީއެމްއެލް އިން އެ ގެނައި ބަދަލާ އެކު ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފާ ހަވާލާދީ ބީއެމްއެލް އިން ބުނީ، ބީއެމްއެލް ޕޭމަންޓްގޭޓްވޭގެ ހިދުމަތް ހޯދާ ޖުމްލަ 112 މާޗަންޓުން ތިބި ކަމަށެވެ. އަދި މިދިޔަ އަހަރު ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ.
"އީކޮމާސްގެ ހިދުމަތް ރާއްޖޭގައި ވެސް ދަނީ ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުން. ގިނަ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރި ފަށައިގަންނަ ފަރާތްތަކުން އެދެމުން އައީ ވީހާ ވެސް ލުއިފަސޭހަކޮށް މި ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް. ކަސްޓަމަރުން ދެއްވި ހިޔާލާ އެއްގޮތަށް އަޅުގަނޑުމެން މި ބަދަލުތައް މި ގެނައީ،" އޭނާ ވިދާޅުވި އެވެ.
ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ.
އޭގެ ތެރޭގައި އިންޓަނެޓް، މޮބައިލް ބޭންކިން އަދި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ހިމެނެ އެވެ.
ބީއެމްއެލް އިން ބުނީ ޑިޖިޓަލް ބޭންކިން ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށް ވުރެ ގިނަ މުއާމަލާތްކޮށްފައިވާ ކަމަށެވެ. އެއީ މުޅި ބޭންކް މެދުވެރިކޮށް ހިންގޭ މުއާމަލާތްތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު އަދަދެކެވެ.