ކުއަލަލަމްޕޫރު (މާޗް 3): މެލޭޝިއާގެ ސެލަންގޯރު ސްޓޭޓުގައި ބޭއްވި ބައި އިލެކްޝަންގައި ވެރިކަން ކުރާ އެލަޔަންސް އޮފް ހޯޕްއަށް ނާކާމިޔާބުވެއްޖެ އެވެ.

ސެލަންގޯރުގެ ސެމެންޔީއަކީ މިދިޔަ އަހަރުގެ މެއި މަހު ބޭއްވި އާއްމު އިންތިހާބުގައި ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ކޯލިޝަނުން ކާމިޔާބު ކުރި ގޮނޑިއެކެވެ. ނަމަވެސް އެގޮނޑި ކާމިޔާބު ކުރެއްވި މެމްބަރު މިދިޔަ ޖެނުއަރީ މަހު އަވަހާރަވުމުން، ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެވެ.

އެއިންތިހާބު ކާމިޔާބު ކުރީ މެލޭޝިއާގައި 60 އަހަރުވަންދެން ވެރިކަން ކުރުމަށް ފަހު، މިދިޔަ އަހަރުގެ އިންތިހާބުން ނާކާމިޔާބުވި ނެޝަނަލް ފްރޮންޓެވެ. އެކޯލިޝަނުގެ ކެންޑިޑޭޓުގެ ޒަކަރިއާ ހަނަފީ އިންތިހާބު ކާމިޔާބު ކުރީ 1،914 ވޯޓުގެ ތަފާތުންނެވެ.

މަހާތީރުގެ ކޯލިޝަނަށް އެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި ވަނީ އެ ސަރުކާރުން މެލޭޝިއާއަށް ގެންނަން ވައުދުވި އިސްލާހުތައް ނުފުއްދާ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ދިރިއުޅުމުގެ ހަރަދުތައް ކުޑަ ކުރުމަށާއި ނަސްލީ ހަމަހަމަކަން ގެނައުމަށް މަހާތީރުގެ ސަރުކާރުން ވެފައި ވާ ވައުދުތައް ފުއްދުމުގައި ކުރިއެރުމެއް ނުފެންނަ ކަމަށާއި ވެރިކަން ކުރާ ކޯލިޝަނުގެ ލީޑަރުންގެ މެދުގައި ދެބަސްވުންތައް އުފެދިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.