ގިނަ ހަރަދުތަކެއް ކުރަމުންދާ ރަޝިޔާ ކުލަބު އަންޒީ މަކަޝްކަލަ އިން ބްރެޒިލްގެ ޒުވާން ތަރި ނޭމާ އާއި އާސެނަލް ކެޕްޓަން ރޮބިން ވެން ޕާސީގެ އިތުރުން ޗެލްސީގެ ފްރާންސް ފޯވާޑް ނިކޮލަސް އަނެލްކާ ހޯދުމަށް މަސައްކަތް ކުރާނެކަމަށް އެކުލަބުގެ ކޯޗު އަދި ކެޕްޓަން ރޮބާޓޯ ކާލޮސް ބުނެފި އެވެ.

ބްރެޒިލް ގައުމީ ޓީމުގައި ވިދާލި ދުވަސްވަރު ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބު ކުރި ރޮބާޓޯ ކާލޮސް އަކީ ބިލިޔަނަރު ސުލޭމާން ކެރިމޯވް އަންޒީ އާއި ހަވާލުވި ފަހުން ހޯދި ފުރަތަމަ ތަރި އެވެ. އެއަށް ފަހު އިންޓަމިލާނުން ސަމުއެލް އެޓޫގެ ސޮއި ހޯދުމަށް ފަހު ޗެލްސީ އިން ޑިފެންޑަރު ޔޫރީ ޒިރްކޯވް ވެސް ގެންގޮސްފައިވެ އެވެ.

ކުރީގެ ކޯޗު ގަޑްޒީވް އަށް މިސީޒަންގައި އަންޒީއަށް އެދެވޭ ކާމިޔާބީ އެއް ހޯދައި ނުދެވުމުން، އޭނާ މަގާމުން ވަކިކޮށް ރޮބާޓޯ ކާލޮސް އަށާއި ކުރީގެ ކޯޗުގެ އެސިސްޓަންޓް އަންދުރޭ ގޯޑީވް އާއި ކުލަބު ވަގުތީ ގޮތުން ހަވާލުކޮށްފައިވެ އެވެ. އަންޒީ އަށް ގެންނަ ކޯޗުންގެ ގޮތުގައި ރޮބާޓޯ ކާލޮސް ޝޯޓް ލިސްޓުގައި ވަނީ ކަޕެއްލޯ، ހިޑިންކް އަދި ހޯސޭ މޮރީނިއޯ ފަދަ ކުޅުންތެރިން ނެވެ. އަދި އެކުލަބުން މިހާރު ލޯއަޅަމުން ދަނީ ދުނިޔޭގައި އުފެދިފައިވާ މޮޅެތި ކުޅުންތެރިންކަން ފާހަގަ ކޮށްލެވެ އެވެ.

"އަހަރެމެން ގެންނަން އުޅެނީކީ ހަމައެކަނި އަނެލްކާ އެއް ނޫން. ޕީއެސްޖީ އިން ނެނޭ އާއި އާސެނަލް އިން ވެން ޕާސީ ވެސް ގެނެވޭތޯ ބަލާނަން. އަދި ނޭމާ ވެސް. އަހަރެން އޭނާ އާއި ވާހަކަ ދެއްކިން، ބާސާ ނޫނީ ރެއާލް އަށް ކުޅުންތެރިއެއް ނުހޯދިއްޖެ ނަމަ އެ ކުޅުންތެރިއަކު ހޯދޭނެ ކުލަބަކަށް ވާނީ އަންޒީ. އަހަރެމެން އެކުޅުންތެރިން ގަންނާނަން. އަންޒީގެ ވެރިޔާ ކެރިމޯވް އަށް އެކުޅުންތެރިން ހޯދޭނެ." ރޮބާޓޯ ކާލޮސް ބުންޏެވެ.

ޗެލްސީ ފޯވާޑް އަނެލްކާ އާއި އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ކަޕެއްލޯ ގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާނެ އެވެ. މީގެ އިތުރުން ވެންޕާސީ އާސެނަލް އާއެކު ހަދާފައިވާ އެއްބަސް ވުމުގައި ބާކީ އޮތީ ދެއަހަރު ދުވަހެވެ.