07 Jun 2010, 14:33
19:00
އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 10 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވަނީ މިނިވަން ފަސް މެންބަރުންނާއި ޑީއާރުޕީގެ ތިން މެންބަރަކާއި ޕީއޭގެ ދެ މެންބަރެކެވެ. އެއީ މިނިވަން މެންބަރުން ކަމަށްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރ އިބްރާހިމް މުއްތަލިބާއި، ކާށިދޫ ދާއިރާގެ މެންބަރ އިސްމާއިލް އަބްދުލްހަމީދާއި، ތުޅާދޫ ދާއިރާގެ މެންބަރ ނާޒިމް ރަޝާދާއި ކުރެންދޫ ދާއިރާގެ މެންބަރ އަހުމަދު މޫސާ އަދި ގުރައިދޫ ދާއިރާގެ މެންބަރ އިބްރާހިމް ރިޒާ އެވެ.
ޑީއާރުޕީގެ ތިން މެންބަރުންނަކީ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރ މުހައްމަދު ރަފީގު ހަސަނާއި ވައިކަރަދޫ ދާއިރާގެ މެންބަރ އަލީ އާރިފެވެ. ޕީއޭ އިން ސޮއިކުރެއްވި ދެ މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރ އަބްދުލް އަޒީޒު ޖަމާލާއި ފޮނަދޫ ދާއިރާގެ މެންބަރ އަބްދުލްރަހީމް އަބްދުﷲ އެވެ.
އެ މެންބަރުން ހުށަހަޅުއްވައިފައިވާ އެ މައްސަލާގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސް ކަމަށް ޤާނޫނު އަސާސީގެ ކަނޑައަޅައިފައިވުމުން ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ދެ ބަޔަކީ އިސްލާމްދީނާއި ދިވެހިބަސް ކަމާމެދަކު ޝައްކު ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި ޤައުމުގެ ހުރިހާ ކަމެއް ބައްޓަންކުރެވެންވާނީ އެ ދެ ބަޔަށް ރިޢާޔަތްކުރެވިގެން ކަމާއި، އަދި ވަކިން ޚާއްޞަ ގޮތެއްގައި ދިވެހި ޤައުމުގެ ދަރީން ތަރުބިއްޔަތު ކުރެވެންވާނީ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ރޫޙު އެކުދީންގެ ކިބައިގައި އަށަގަނެ ވަރުގަދަވާނޭ ގޮތެއްގެ މަތީން ތަޢުލީމީ މަންހަޖު އެކުލަވާލެވި ޢަމަލުކޮށްގެންކަން ޤަބޫލްކުރެވޭ ކަމަށެވެ. ނަމަވެސް އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ޢަމަލު ކުރައްވަމުން ގެންދަވަނީ އެ އަސާސްތަކާ ޚިލާފަށް، ދިވެހި ޅަދަރިންގެ ތަޢުލީމީ ހަޔާތުގެ ބިންގަލުން އިސްލާމްދީނާއި ދިވެހި ބަސް ނެތިކޮށް، އިސްލާމީ އަދި ޤައުމީ ރޫޙާ އިދިކޮޅަށް ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް މަޖިލީހަށް އެ މައްސަލާގައި ހުށަހަޅުއްވައިފައިވާ ހުށަހެޅުމުގައި ބުނެފައިވެ އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި މެންބަރުންގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގެ މެންބަރ އިބްރާހިމް މުއްތަލިބު ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް މައުލޫމާތު ދެއްވަމުންމިއަދު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމެވީ އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި އިސްލާމާއި ދިވެހި ހެދުމަށް އެޑިއުކޭޝަނުން ނިންމާފައިވާ މައްސަލަ އާއި ކުއްލިއްޔާގެ މައްސަލަ އާއި އަރަބިއްޔާގެ މައްސަލައާ ގުޅިގެން ކަމަށެވެ.
ސަންއެފްއެމްގެ ބެރޭކިން ނިއުސް އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީ މިއަދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން ކަންބޮޑުވެވަޑައިނުގެންނަވާ ކަމަށެވެ. އަދި އިސްލާމާއި ދިވެހި މާއްދާ އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ހެދުމަށް އެ މިނިސްޓްރީން އަދި ނިންމާފައިނުވާ ކަމަށާއި އެއީ މަންހަޖު ރިވައިސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ހުށަހަޅައިފައިވާ ހުށަހެޅުމެއް ކަމަށް ވެސް ޑރ. މުސްތޮފާ ވިދާޅުވި އެވެ.