03 Mar 2019, 10:34
ގދ. ގައްދޫ އިން އިއްޔެ ސައި ތަށި އެޅިގެން ފިހުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް އައިލާ އިން ނިންމައިފި އެވެ.
އިއްޔެ ހެނދުނު 8:30 އެހާކަށް ހާއިރު ގައްދޫ އިން ފިހުނު ތިން އަހަރުގެ އަންހެން ކުއްޖާ އަށް އަދިވެސް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ކުއްޖާ ތިނަދޫ ހޮސްޕިޓަލަށް ގެންދިޔައީ ގައްދޫ ހެލްތް ސެންޓަރުގައި އެ ކުއްޖާއަށް ދެވޭނެ ބޭހެއް ނެތުމުންނެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހަކު މިއަދު "ސަން" އަށް މައުލޫމާތު ދެމުން ބުނީ، ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އާއިލާއިން ބޭނުން ވެގެން ކުއްޖާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
"ކުއްޖާގެ ހާލު މިހާރު ރަނގަޅު. އެކަށީގެންވާ ފަރުވާ ނުލިބޭ. ކުއްޖާ މާލެ ގެންދިޔުމަށް އާއިލާއިން ވަނީ ނިންމާފައި،" އޭނާ ބުންޏެވެ.
އޭނާ ބުނީ، ޓިކެޓް ބާރު ބޮޑު ކަމުން މާލެ ދިޔުމަށް ޓިކެޓް ލިބިފައިވަނީ މާދަމާއަށް ކަމަށާއި ނަމަވެސް މިއަދުވެސް ޓިކެޓް ލިބިއްޖެ ނަމަ މިއަދުވެސް ފުރަން އައިލާ ވަނީ ނިންމާފައި ކަމަށެވެ.
އޭނާ އިތުރަށް ބުނީ، ކުއްޖާ އަކީ ވަރަށް ހަލަބޮލި ކުއްޖެއް ކަމަށާއި ސައި ތަށި ގަޔަށް އެޅުނީ، ދުވެފަ އައިސް މޭޒުމައްޗަށް އަރަން އުޅެނިކޮށް ކަމަށެވެ. ހޫނު ސައި ތަށި އެޅުމުގެ ސަބަބުން ކުއްޖާގެ ބަނޑާއި ފައި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ.
އިއްޔެ ހެނދުނު ކުއްޖާ ފިހިގެން ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު، މަރުކަޒުގައި ވެސް އަދި އެސްޓީއޯ ބޭސް ފިހާރައިގައި ވެސް ކުއްޖާ ގައިގައި އުނގުޅާލާނެ ބޭހެއް ވެސް ނެތެވެ.
ކުއްޖާ ގެ އާއިލާ އިން އިއްޔެ މައުލޫމަތު ދިން ގޮތުގައި ރަށުގެ ސިއްހީ މަރުކަޒުގައި ދެވޭނެ ބޭހެއް ނެތުމުން ދެ ގަޑި އެއްހާއިރު އެކުއްޖާ އަށް ފަރުވާ ނުދެވި މަޑުކުރަން ޖެހުނެވެ.
ގައްދޫ ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި، އާމިނަތު ޝީޒާ އިއްޔެ "ސަން" ވިދާޅުވީ، ރަށުގެ ސިއްހީ މަރުކަޒާއި އެސްޓީއޯ ބޭސް ފިހާރައިގައި ވެސް ކުއްޖާއަށް ދޭނެ ބޭހެއް ނެތް ކަމަށާއި ނަމަވެސް ދެވެން އޮތް އަސާސީ ފަރުވާއެއް ސިއްހީ މަރުކަޒުން ދިން ކަމަށެވެ.
ޝީޒާ ވިދާޅުވީ، އެންމެ ފަހުން އެ ސިއްހީމަރުކަޒަށް ބޭހެއް ލިބިފައިވަނީ މިދިޔަ މަހު ކަމަށާއި އެ ބޭސްތައް މިހާރު ހުސްވެފައިވާ ކަމަށެވެ. އަދި ބޭސް ލިބޭ އިރުވެސް ލިބެނީ ވަރަށް މަދުން ކަމަށް ޝީޒާ ވިދާޅުވިއެވެ.
ޝީޒާ އިތުރަށް ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައި ކަމަށާއި ނަމަވެސް އަދިވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އެ ގޮތުން އެންމެ ފަހުން ނައިބު ރައީސް ފައިސަލް ނަސީމް އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނާ ވެސް އެކަން ހިއްސާ ކުރެއްވި ކަމަށް ޝީޒާ ވިދާޅުވިއެވެ.
މިފަހުން އަޑިއަށް ދިޔަ ރަވާނާ ބޯޓުގައި އެރަށަށް ގެނައުމަށް ހަމަޖެހިފައިވާ ބޭސްތައް ހުރި ކަމަށާއި، އެ ބޭސްތައް ސިއްހީ މަރުކަޒަށް ނުލިބުމަކީ، ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް ޝީޒާ ވިދާޅުވިއެވެ.