03 Mar 2019, 10:28
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ރިޔާދް މަހްރޭޒް ކާމިޔާބު ކޮށްދިން ގޯލާ އެކު ބޯންމައުތް ބަލިކޮށް މެންޗެސްޓާ ސިޓީއިން ވަގުތީ ގޮތުން ތާވަލުގެ އެއްވަނަށް ޖެހިލައިފި އެވެ.
ދެ ވަނައިގައި އޮތް ލިވަޕޫލަށް ވުރެން އެއް މެޗު އިތުރަށް ކުޅެ ސިޓީ އިން ތާވަލުގެ އެއްވަނަ ހޯދީ ބޯންމައުތުގެ އަމިއްލަ ދަނޑުގައި އެ ޓީމު 0-1 ގެ ނަތީޖާ އަކުން ބަލި ކުރުމަށް ފަހު އެވެ. ރޭގެ މޮޅާ އެކު ސިޓީ ވަނީ 29 މެޗު ކުޅެ 71 ޕޮއިންޓް ހޯދައިފަ އެވެ. މިވަގުތު ދެވަނައިގައި އޮތް ލިވަޕޫލަށް 28 މެޗު ކުޅެގެން ލިބެނީ 69 ޕޮއިންޓެވެ. ނަމަވެސް ލިވަޕޫލް މިރޭ އެވަޓަންއާ ބައްދަލު ކުރާ މެޗުން މޮޅު ވެއްޖެ ނަމަ އެ ޓީމު އަނބުރާ އެއްވަނައަށް އަރާނެ އެވެ.
ޖެހިޖެހިގެން ދެވަނަ މެޗުން އެއް ގޯލުގެ ލީޑަކާ އެކު ސިޓީ އިން މޮޅުވި ނަމަވެސް އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ވަނީ ކަންބޮޑުވެފަ އެވެ. ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ރޭގެ މެޗުގައި އަނިޔާވުމާ ގުޅިގެން ކުރިއަށް އޮތް ޗެމްޕިއަންސް ލީގު މެޗުތަކަށް ކުޅުންތެރިން ނެގުމުގައި ދަތިތަކެއް ކުރިމަތި ވާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ސިޓީގެ މެދުތެރެ ހިފަހައްޓަމުން އަންނަ ކެވިން ޑެ ބުރިއިނާގެ އިތުރުން އެ ޓީމުގެ ޑިފެންޑަރު ޖޯން ސްޓޯންސް ރޭގެ މެޗުގައި ވަނީ އަނިޔާ ވެފަ އެވެ. ނަމަވެސް ޓީމުގައި އެ ކުޅުންތެރިންގެ ބަދަލުގައި އެ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިން ތިބިކަން މީގެ ކުރިން ވެސް ސާބިތު ކޮށްދީފައިވާ ސިޓީގެ މިއަހަރުގެ އަމާޒަކީ ހަތަރު ތަށި އެ ކުލަބުން ކާމިޔާބުރުމެވެ. އެގޮތުން އިނގިރޭސި ލީގު ކަޕު މިހާރު އެ ޓީމުން ވަނީ ހޯދައިފަ އެވެ.
ރޭގެ މެޗުގައި ސިޓީއަށް ޖަހައިދިން ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ރިޔާދް މަހްރޭޒް އެވެ. އެއީ މި ސީޒަނުގައި އޭނަ ސިޓީއަށް ޖަހައިދިން 11 ވަނަ ގޯލެވެ.
ލީގު ހޯދުމަށް ޓަކައި ސިޓީ އާއި ލިވަޕޫލްގެ ގަދަ ހިފުމަކަށް ގޮސްފައިވާ އިރު ތިންވަނައިގައި އޮތް ޓޮޓެންހާމް ރޭ ވަނީ އާސެނަލްއާ ވާދަކޮށް 1-1 އިން އެއްވަރުވެ ދެވަނައިގައި އޮތް ލިވަޕޫލާ އިތުރަށް ފަރަގު ބޮޑުވެފަ އެވެ.