ދުނިޔޭގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑް އާއި ބާސެލޯނާގެ ކުރިމަތިލުން، "އެލްކުލެސިކޯ"ގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ބާސެލޯނާ ހޯދައިފި އެވެ.

ރޭ ސްޕެނިޝް ލީގުގައި ބާސާއާއި ރެއާލް ބައްދަލު ކުރި ފޯރިގަދަ މެޗު 0-1 އިން ބާސެލޯނާ ކާމިޔާބުކޮށް އެ ދެ ޓީމުގެ ކުރިމަތިލުން އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ޓީމަކަށް އެ ޓީމު ވެއްޖެ އެވެ. މި ދެ ޓީމުގެ ދެމެދުގައި މިހާތަނަށް 242 މެޗު ކުޅެވިފައިވެ އެވެ. ރެއާލް މެޑްރިޑް މިހާތަނަށް 95 މެޗުން މޮޅުވެފައިވާ އިރު ބާސެލޯނާ 96 މޮޅު ހޯދާފައިވެ އެވެ. އަދި 51 ފަހަރު މި ދެ ޓީމު ވަނީ އެއްވަރު ވެފަ އެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގެ ތެރޭގައި ހިނގި ހަމަ ނުޖެހުމެއް--- ފޮޓޯ/ ބާސެލޯނާ ފޭސްބުކް ޕޭޖް

ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބާނެބިއުގައި ރޭ ކުޅެވުނު މެޗުން ބާސެލޯނާ މޮޅުވުމާ ގުޅިގެން އެ ޓީމު ވަނީ ރެއާލުން 88 އަހަރު ދަމަހައްޓަމުން އައި އެންމެ ގިނަ އެލް ކުލެސިކޯގެ މޮޅު ހޯދުމުގެ ރެކޯޑަށް ނިމުން ގެނެސްފަ އެވެ. ބާސާއަށް އެންމެ ފަހުން މި ޝަރަފު ލިބުނީ 1931 ވަނަ އަހަރު އެވެ.

މި ސީޒަނުގެ ހަތަރު ވަނަ އެލް ކުލެސިކޯ ރޭ ކުޅެވުނު އިރު އެ މެޗު ވެގެން ދިއައީ ހީކުރި ފަދައިން "ޑްރާމާ" ގިނަ އަދި ހުނަރުން ފުރިގެންވާ ކުޅުމެއް ފެނިގެން ދިޔަ މެޗަކަށެވެ. ގިނަ ފައުލުތަކަކާއި ހަމަ ނުޖެހުންތަކުގެ އިތުރުން ފުޓްބޯޅަ މެޗެއްގައި ފެނިގެންދާނެ ފަދަ ހުރިހާ ކަމެއްހެން އެ މެޗުގައި ފެނިގެން ގޮސްފައިވެ އެވެ.

ރޭގެ މެޗަށް ރެއާލް މެޑްރިޑް ނުކުތީ މީގެ ދެ ދުވަސް ކުރިން ކޮޕާޑެލްރޭގައި ބާސެލޯނާގެ އަތުން ލިބުނު ނާކާމީޔާބީގެ ބަދަލު ހިފުމަށެވެ. ނަމަވެސް މެޗު ފެށުނީއްސުރެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ޑޮމިނޭޓްކޮށް ގިނަ ނުރައްކާތެރި ހަމަލާތައް އުފެއްދީ ބާސެލޯނާ އެވެ. ރެއާލް މެޑްރިޑްއަށް ކައުންޓާ އެޓޭކްތަކުގައި މަދުމަދުން ބާސެލޯނާގެ އޭރިޔާގައި ކުޅެލަން ލިބުނަސް ޖުމްލަ ގޮތެެއްގައި ގިނަ އިރު ބޯޅަ އޮތީ ރެއާލްގެ ހާފު ތެރޭގަ އެވެ.

ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގެ ތެރޭން އީވާން ރަކިޓިކް ރެއާލް ގެ ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ/ ބާސެލޯނާ

އެ މެޗުގައި ބާސެލޯނާ އިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ކްރޮއޭޝިއާގެ މިޑްފީލްޑަރު އީވާން ރަކިޓިޗް އެވެ. އެއީ އޭނާ އެލް ކުލެސިކޯގައި މިހާތަނަށް ޖަހައިދިން ދެވަނަ ގޯލެވެ. މީގެ އިތުރުން ވެސް ބާސެލޯނާއަށް ވަނީ އެ މެޗުގައި ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފަ އެވެ.

ބާސެލޯނާ އަށް ރޭ ލިބުނު މޮޅާ އެކު އެ ޓީމު ވަނީ ލީގުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ފަރަގެއް ގާއިމު ކޮށްފަ އެވެ. އަދި މެޗުން ބަލިވި ރެއާލް މިވަގުތު އޮތީ ތާވަލުގެ ތިން ވަނައިގައި ބާސާއާއި 12 ޕޮއިންޓް ދަށުގަ އެވެ.