ކަޝްމީރު (މާޗް 3): ކަޝްމީރުގައި އިންޑިއާ އާއި ޕާކިސްތާނުން ވެރިކަން ކުރާ އިން ވަކިކޮށްދޭ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ކައިރީ ދެ ގައުމުގެ ސިފައިން އަދިވެސް ހަމަލާ ބަދަލު ކުރަމުންދާ ކަމަށް ދެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ސިފައިން ހަމަލާ ދެމުން ދަނީ، ޕާކިސްތާނުން ވައްޓާލި އިންޑިއާގެ ޖެޓުގައި އިން ޕައިލެޓު "ސުލްހައިގެ އިޝާރާތެއްގެ" ގޮތުން ދޫކޮށްލި ފަހުންނެވެ.

ހުކުރު ދުވަހުގެ ރެއިން ފެށިގެން ސިފައިން ދެމުންދާ ހަމަލާތަކުގައި ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިން ދެ ކުދިންނާއި އެކުދިންގެ މަންމަ މަރުވެފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުންޏެވެ. އެހާދިސާގައި ދެ ކުދިންގެ ބައްޕައަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

އަދި ކަޝްމީރުގައި ޕާކިސްތާނުން ވެރިކަން ކުރާ ފަޅީގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމަށްވާ ނަސްރުﷲ ޚާން ވިދާޅުވި ގޮތުގައި އިންޑިއާއިން ދިން ހަމަލާތަކުގައި ފިރިހެނަކާއި ކުޑަކުއްޖަކު ވަނީ މަރުވެފަ އެވެ. އަދި އެހަމަލާތަކުގައި ޕާކިސްތާނުގެ ދެ ސިފައިން މަރުވެފައިވާ ކަމަށްވެސް އެގައުމުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައިވެ އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އިންޑިއާގެ އެއާފޯސްގެ ޖެޓުތަކެއް ވަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ ހަމަލާތަކެއް ދީފަ އެވެ. އިންޑިއާ އިން ބުނި ގޮތުގައި އެހަމަލާ އަމާޒު ކުރީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ޖައިޝް މުހައްމަދުގެ ޓްރެއިނިން ކޭމްޕުތަކަށެވެ. އަދި އެހަމަލާގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރުވި އެވެ.

ނަމަވެސް ޕާކިސްތާނުން ބުނި ގޮތުގައި އެހަމަލާ އަމާޒުވީ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ. އެހެންކަމުން އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

އަދި ބުދަ ދުވަހު ޕާކިސްތާނުން ވަނީ ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް ހަމަލާތަކެއް ދީފަ އެވެ. އޭގެ ފަހުން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ދެ ފައިޓާ ޖެޓު ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެ އެވެ. އަދި އޭގެ ތެރެއިން އެއް ޖެޓުގައި އިން ޕައިލެޓު، ވިންގް ކޮމާންޑާ އަބީއާނަންދު ވަރުތަމާން ޕާކިސްތާނުން ހިފެހެއްޓި އެވެ. ނަމަވެސް ހުކުރު ދުވަހު ޕާކިސްތާނުން ވަނީ އެޕައިލެޓު ދޫކޮށްލާފަ އެވެ.