މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ އިނގިރޭސި މިޑްފީލްޑަރު ޓޮމް ކްލެވާލީ ކުލަބާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައިވާ ގޮތުން މެންޗެސްޓާ ޔުނައިޓެޑަށް 2015 ވަނަ އަހަރާއި ޖެހެންދެން ކުޅޭނެ އެވެ.

ޕްރެމިއާ ލީގުގައި އެންމެ ވާދަވެރި މެޗަކަށް ފުރަތަމަ ކުޅެފައި ވަނީ ވެސްޓް ބްރޮމް އާއި ދެކޮޅަށް ކުޅެ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗެވެ. ކްލެވާލީ ވަނީ އިނގިރޭސި ސީނިއާ ޓީމުގެ ޖާގައެއް ވެސް ހޯދާފަ އެވެ. އޭގެ އިތުރުން ކްލެވާލީ އަކީ 21 އަހަރުން ދަށުގެ އިނގިރޭސި ގައުމީ ޓީމުގައި ވެސް މުހިންމު ދަޢުރެއް އަދާކުރަމުންދާ ކުޅުންތެރި އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ޕްރެމިއާ ލީގުގައި ބޮލްޓަން އާއި ދެކޮޅަށް ކުޅެ 5-0 ލަނޑުން މޮޅުވި މެޗުގައި ކްލެވާލީ ގެ ލިގަމެންޓަށް ލިބުނު އަނިޔާ އާއި ގުޅިގެން ހުރީ ކުޅުމާއި ދުރުގަ އެވެ. ލީގުގައި އަންނަ ހޮނިހިރު ދުވަހު ވާދަވެރި ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ފިޓްވޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުން ހާމަކޮށްފައިވެ އެވެ.

"އިނގިރޭސި ގޭމެއްގައި ކްލެވާލީ އަކީ އެންމެ ވިދާލާނެ އެއް ކުޅުންތެރިޔާ. ޒުވާން ކުޅުންތެރިއަކަށް ބަލަންޏާ ކްލެވަލީ އަކީ ސިކުނޑި ރަނގަޅު، ވަރުގަދަ ކުޅުންތެރިއެއް. ޒުވާން ކުޅުންތެރިންނަށް މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ ޓީމުން ޖާގަ ދިނުމަށް ލިބުނު ފުރުސަތުގެ ބޭނުން ކްލެވާލީ ވަނީ ރަނގަޅު ގޮތުގައި ނަގާފައި." މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަން ބުންޏެވެ.

މި ސީޒަނަކީ ކާމިޔާބީ ސީޒަނެއްގެ ގޮތުގައި ފާހަގަ ކުރަމުން ކްލެވާލީ ބުނީ، "މިސީޒަން އަހަރެންނަށް ފަށައިގަނެވުނީ ކާމިޔާބީތަކާ އެކު. ކުލަބުގެ ފުރަތަމަ ޓީމުން ޖާގަ ލިބި އަދި އިނގިރޭސި ސީނިއާ ގައުމީ ޓީމުން ވެސް ޖާގަ ލިބުން. އަހަރެން ބޭނުމީ ކުލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދަން. މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑަކީ ވަރުގަދަ ސްކޮޑެއް. މި ސްކޮޑާއި އެކު އަހަރެމެންނަށް މިސީޒަނުގައި ވެސް ކާމިޔާބީ ލިބޭނެ."

އުމުރުން 22 އަހަރުގެ ކްލެވާލީ އަކީ ޒުވާން ކެރިޔަރު ބްރެޑްފޯޑުން ފަށައިގަނެ 2003 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ޓީމަށް ބަދަލުވި ކުޅުންތެރިއެކެވެ. 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ ސީނިއާ ޓީމަށް ބަދަލުވެ ކްލެވާލީ ވަނީ ލޯނުގެ ދަށުން ލީޗެސްޓާ ސިޓީ އަށާއި، ވެޓްފޯޑް އަދި ވިގަން އެތްލެޓިކް އަށް ވެސް ކުޅެފައެވެ. މިއަހަރު ކްލެވާލީ ފާހަގަކުރެވެނީ މެންޗެސްޓާ ޔުނައިޓެޑުގެ ފުރަތަމަ ޓީމުން ޖާގަ ހޯދާ ޒުވާން ކުޅުންތެރިއެއްގެ ގޮތުގަ އެވެ.