03 Mar 2019, 01:06
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނަކަށް ރީ ރަޖިސްޓްރީކުރުމަށް ފޯމު ހުށަހެޅުމަށް ނަންބަރު ނެގި ފަރާތްތައް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒަށް މިރޭ 2:00 ގެ ކުރިން ވަދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރީ ރަޖިސްޓްރީ ކުރުމަށް މިއަދު މެންދުރު 3:00 އަށް މުއްދަތު އިތުރުކޮށްފައި ވީނަމަވެސް އިލެކްޝަންސް ކޮމީޝަނުން ވަނީ މިރޭ 10:00 އަށް ވަގުތު އިތުރުކޮށްފައެވެ. އަދި 10:00 ގެ ކުރިން ކިއު ނަންބަރު ނެގި ފަރާތްތަށް މިރޭ 12:00 ގެ ކުރިން އިންތިހާބީ މަރުކަޒަށް ވަދެވޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އަދި އެކަމާ ގުޅިގެން ގޭޓު ލެއްޕުމުން ނަންބަރު ނެގި ބައެއް ފަރާތްތަކުން އިންތިހާބީ މަރުކަޒު ކުރިމަތީ ދިޔައީ އިހްތިޖާޖު ކުރަމުންނެވެ.
އިލެކްޝަންސް ކޮމީޝަންގެ މެމްބަރު އަދި އެކޮމިޝަންގެ ތަރުޖަމާނު މިރޭ "ސަން" ވިދާޅުވީ، 10:00 ގެ ކުރިން ކިއު ނަންބަރު ނެގި ފަރާތްތަކަށް 12:00 ގެ ކުރިން އިންތިހާބީ މަރުކަޒުގެ ގޯތި ތެރެއަށް ވަނުމަށް އެންގި ކަމަށެވެ.
މީހަރު އެ ފަރާތްތަކުގެ ކަންބޮޑުވުން އެއްސެވުމަށް ފަހު، ނަންމަބަރު ނެގި ފަރާތަކަށް މިރޭ 2:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލީ މިދިޔަ މަހު 19 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ދެ ފަހަރެއްގެ މަތިން ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރު ކުރި އެވެ.
ރީ ރަޖިސްޓްރީވުމަށް އެދި ހުށަހަޅާން ޖެހެނީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކެވެ.
މިއަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އެ އިންތިހާބުގައި މިހާތަނަށް 87 ދާއިރާއަށް 395 ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފަ އެވެ.