03 Mar 2019, 00:36
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނަކަށް ރީ ރަޖިސްޓްރީކުރުމަށް ފޯމު ހުށަހެޅުމަށް ނަންބަރު ނެގި ފަރާތްތައް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒަށް ނުވެއްދުމުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ރީ ރަޖިސްޓްރީ ކުރުމަށް މިއަދު މެންދުރު 3:00 އަށް މުއްދަތު އިތުރުކޮށްފައި ވީނަމަވެސް ފަހުން އިލެކްޝަންސް ކޮމީޝަނުން ވަނީ މިރޭ 10:00 އަށް ވަގުތު އިތުރުކޮށްފައެވެ. އަދި 10:00 ގެ ކުރިން ކިއު ނަންބަރު ނެގި ފަރާތްތަކަށް މިރޭ 12:00 ގެ ކުރިން އިންތިހާބީ މަރުކަޒަށް ވަދެވޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ނަމަވެސް އެތަނުގައި ފޯމު ލުމަށް ނަންބަރު ނަގާފައިވާ މީހަކު "ސަން" އަށް ކިޔާދިން ގޮތުން 12:00 ގެ ކުރިން އޭނާ އިންތިހާބީ މަރުކަޒަށް އައިރު އިންތިހާބީ މަރުކަޒުގެ ގޭޓު ލައްޕާފައިވާ ކަމަށެވެ.
"ސަން" ގެ ނޫސްވެރިން 12:02 ގައި އެ ސަރަހައްދަށް ދިޔަ އިރު އިންތިހާބީ މަރުކަޒުގެ ގޭޓު ވަނީ ލައްޕާފައެވެ. އޭރު އިންތިހާބީ މަރުކަޒުގެ ބޭރުގައި ބައެއް މީހުން ކަންބޮޑުވުން ދިޔައީ ފާޅު ކުރަމުންނެވެ.
— Ťêđ (@tedmaldives)
އެތަނުގައި ހުރި އެހެން މީހަކު ކިޔާދިން ގޮތުގައި އޭނާ އަތުގައި 20 ފޯމު އެބަ އޮތް ކަމަށާއި ނަމަވެސް ގޭޓު ލެއްޕުން އޭނާ އަށް ވެސް ނުވަދެވިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމީޝަންގެ މެމްބަރު އަދި އެކޮމިޝަންގެ ތަރުޖަމާނު މިރޭ "ސަން" ވިދާޅުވީ، 10:00 ގެ ކުރިން ކިއު ނަންބަރު ނެގި ފަރާތްތަކަށް 12:00 ގެ ކުރިން އިންތިހާބީ މަރުކަޒުގެ ގޯތި ތެރެއަށް ވަނުމަށް އެންގި ކަމަށެވެ.
މީހަރު އެ ފަރާތްތަކުގެ ކަންބޮޑުވުން އެއްސެވުމަށް ފަހު، ނަންމަބަރު ނެގި ފަރާތަކަށް މިރޭ 2:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލީ މިދިޔަ މަހު 19 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ދެ ފަހަރެއްގެ މަތިން ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރު ކުރި އެވެ.
ރީ ރަޖިސްޓްރީވުމަށް އެދި ހުށަހަޅާން ޖެހެނީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކެވެ.
މިއަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އެ އިންތިހާބުގައި މިހާތަނަށް 87 ދާއިރާއަށް 395 ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފަ އެވެ.