އަނބިކަބަލުން މަރިޔަމް ރޯޒްލީއާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ނޫސްވެރިޔަކު މައްސަލަ ހުށަހެޅީ ސިޔާސީ ބޭނުމެއްގައި ކަމަށް ފިރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދައިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ ނޫސްވެރިއެއްގެ ގަޔަށް އަތްލައި މާރާމަރީ ހިންގި ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ މީގެ ދެ ދުވަސް ކުރީން ނިހާންގެ އަނބިކަބަލުން ރޯޒްލީ އެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފައެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ކަންވެސް ކުރައްވަމުން ގެންދަވާ ނިހާން މިރޭ "ސަން" އަށް ވިދާޅުވީ، އޭނާގެ އަނބިކަބަލުންނާ ގުޅޭގޮތުން މިނިވަން ނޫސްވެރިކަމުގެ ވާހަކަ ދައްކާ ބަޔަކު ހުށަހެޅި މައްސަލަ އަކީ ސިޔާސީ ބޭނުމެއްގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.

"މިކަން ކޮށްގެން މިއުޅެނީ ސިޔާސީ ކަމަކަށް ހަދަން ވެގެން. އެނޫން ކޮންކަމެއްތޯ އެކަމުގައި އޮންނާނީ... ސިޔާސީ ކަމަކަށް މިކަން ހެދުމަށް ނޫން ކަމެއް މިކަމުގައި ނުފެނޭ،" ނިހާން ވިދާޅުވި އެވެ.

"ޑިމޮކޮރަސީގައި ހަތަރު ވަނަ ބާރަކީ މިނިވަން މީޑިއާ. ހާއްސަކޮށް ނޫސްވެރިން. ނޫސްވެރިން ބާކީ ތިބި ރައްޔިތުން ގޮވައިގެން ފުލުސް އޮފީހަށް ދާން ޖެހޭ ހިސާބަށް ދިޔުމަކީ [ދެރަކަމެއް]. މިނިވަން ނޫސްވެރިކަމުގެ ވާހަކަ ދައްކާ ބައެއް. ޗެނަލް 13 [ގައި މަސައްކަތް ކުރި] ލަޔާލް އަށް ނޭވާ ނުލެވޭ ވަރު ކުރީމަ ލަޔާލް ނުދޭ އެމީހުން ގޮވައިގެން ކޯޓަކަށް ނުވަތަ ފުލުސް އޮފީހަކަށް،"

ނިހާން ވިދާޅުވީ، އޭނާގެ އަނބިކަބަލުން ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމެއް އޭނާއަށް އެނގިފައި ނުވާ ކަމަށެވެ.

ފުލުހުން ބަލަމުންދާ މައްސަލައެއްގައި މީގެ ދެ ދުވަސް ކުރިން ނިހާންގެ އަނބިކަނބަލުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ އިރު، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށް ފުލުހުން ބަލަމުންދާ މައްސަލައެއްގައި މިދިޔަ ހަފްތާ ހޮނިހިރު ދުވަހު ނިޙާން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.