އިންޑިޔާއާއި ޕާކިސްތާނުގެ ވައިގެ ސިފައިންގެ މެދުގައި ދާދިފަހުން ހިނގި ވައިގެ ކުރިމަތިލުންތަކާގުޅޭ ބައެއް ސިއްރުތައް ބައިނަލްއަގްވާމީ މީޑިޔާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.

މިކަމާބެހޭގޮތުން އެމެރިކާ، ޔޫރަޕް ،އިންޑިޔާ ޕާކިސްތާން، ރަޝިޔާގެ މީޑީޔާ ތަކާއި އަލްޖަޒީރާ އާއި ބީބީސީ ފަދަ މިޑިޔާތަކުގައި ޝާއިއުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުން އެހަނގުރާމައިގާ ދެގައުމުގެ ވައިގެ ސިފައިންގެ 24 ފައިޓަރ ޖެޓް ހަރަކާތްތެރިވިއެވެ. އިންޑިޔާގެ ފަރާތުން މި ހަނގުރާމައިގާ ބައިވެރިވީ ރަޝިޔާގައި އުފައްދާފައިވާ ސޮޚޮއި 30 އެމްކޭ މަރުކާގެ ހަތަރު ޖެޓާއި ފަރަންސޭސިވިލާތުގައި އުފައްދާފައިވާ މިރާޖް 2000 މަރުކާގެ ދެ ޖެޓާއި ރަޝިޔާގައި އުފައްދާފައިވާ މެގް 21 މަރުކާގެ ދެޖެޓެވެ.

ޕާކިސްތާނުން ބައިވެރިވީ ޗައިނާގައި އުފައްދާފައިވާ ޖީއެފް 17 ގެ ހަތަރު ޖެޓާއި ފަރަންސޭސިވިލާތުގައި އުފައްދާފައިވާ މިރާޖް 3 ގެ ހަތަރު ޖެޓާއި އެމެރިކާގައި އުފައްދާފައިވާ އެފް 16 ގެ 8 ޖެޓެވެ. މީގެ ތެރެއިން އެންމެ ޒަމާނީ ޖެޓްތައް ހުރީ ޕާކިސްތާނުގެ ވައިގެ ސިފައިންގެ އަތުގައެވެ.

އިންޑިޔާގައި ހުރި ވައިގެ ސިފައިންގެ ޖެޓްތަކުގެ އަދަދު ޕާކިސްތާނުގެ ޖެޓްތަކަށްވުރެ އަދުދުގެ ގޮތުން ގިނަ ނަމަވެސް އޭގެތެރެއިން ގިނަ ޖެޓްތަކަކީ 1970 އާއި 1980 ގެ އަހަރުތަކުގައި އުފައްދާފައިވާ ދުވަސްވީ އަދި ޒަމާނާ ނުގުޅޭ ބައު ތަކެއްޗެވެ. ނިސްބަތުން ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން ފެންވަރު ރަނގަޅު ޖެޓްތައް ހުރީ ޕާކިސްތާނުގައެވެ. ޚާއްސަކޮށް އެފް 16 ގެ ޖެޓްތަކާއި ޗައިނާގައި އުފައްދާ ޖީއެފް 17 މަރުކާގެ ޖެޓްތަކަކީ އިންޑިޔާގައި ހުރި ޖެޓްތަކަށް ބަލާއިރު އައު އަދި މާބޮޑަށްވެސް ފެންވަރު ރަނގަނޅު ތަކެއްޗެވެ. ކަޝްމީރުގެ ވައިގެ ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި ބައިވެރިވީ އިންޑިޔާގެ 8 ޖެޓާއި ޕާކިސްތާނުގެ 16 ޖެޓެވެ.

ޕާކިސްތާނުން ބޭނުންކުރި އެފް 16 އަކީ 1980 ގެ ފަހުކޮޅާއި 1990 ގެ ކުރީކޮޅުގެ އެމެރިކާގެ އުފެއްދުންތަކެވެ. ނަމަވެސް އެއީ ލޭޒަރު ބޮމުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ޖެޓްތަކެވެ. ކަޝްމީރުގެ ވައިގެ ސަރަހައްދުގައި ހިނގި މި ހަނގުރާމައިގާ އިންޑިޔާގެ ޖެޓްތަކުގެ ބަލިކަށިކަމާއި ފެންވަރުދަށްކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ. ޕާކިސްތާނުހެ ޖެޓްތަކާ ކުރިމަތިލާން ނުކެރި އެތަކެތި ފިލައިގެން ދިޔަކަން އަސްކަރީ ތަޖްރިބާކާރުން ފާހަގަ ކުރިއެވެ.

ކަޝްމީރުގެ ވައިގެ ސަރަހައްދުގައި ހިނގި އިންޑިޔާއާއި ޕާކިސްތާނުގެ ވައިގެ ސިފައިން ކުރިމަތިލުމުގައި ޕާކިސްތާނުގެ އެފް 16 ގެ ބޯޓުތަކުން މުޅި ސަރަހައްދު ކޮންޓްރޯލްގެ ދަށަށްގެނަސް އިންޑިޔާގެ ބޯޓުތައް ވަށާލައި ހިސާރުކުރުމަށްފަހު އިންޑިޔާގެ ދެ ޖެޓަކަށް އަމާޒުކޮށް ލޭޒަރ ބޮމުން ވަރުގަދަ ހަމަލާތަކެއްދިނެވެ. މިދެ ޙަމަލާ ސީދާގޮތެއްގައި އިންޑިޔާގެ ދެ ޖެޓަށް އަރައި އެދެޖެޓް ވެއްޓުނުއިރު އޭގެތެރެއިން އެއް ޖެޓްގެ ޕައިލެޓް މަރުވިއެވެ. އަނެއް ޖެޓްގެ ޕައިލެޓް ވައި ކުޑާގައި ފުންމާލައިގެން ސަލާމަތްވިއެވެ. މިއާއެކު އިންޑިޔާގެ އެހެން ޖެޓްތައް ވަނީ ސަލާމަތްވުމަށްޓަކައި ފިލާފައެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ އެސްއެސްޖީ ފައުޖުތަކުގެ ތަމްރީންތަކަކީވެސް އިންޑިޔާގެ ސްޕެޝަލް ފޯސްތަކުގެ ތަމްރީންތަކާ އަޅާބަލާއިރު މާ ވަރުގަދަ އަދި މާ ފަންނީ މާ ގާބިލް ތަމްރީންތަކެކެވެ. މީގެ އިތުރުން ޕާކިސްތާނުގެ އެއާފޯސް ޕައިލެޓުންގެ ހުނަރާއި ގާބިލްކަމާއި ތަޖްރިބާވެސް ނިސްބަތުން އިންޑިޔާގެ އެއާފޯސް ޕައިލެޓުންނަށްވުރެ މޮޅު ކަމަށްވެއެވެ.

ޕާކިސްތާނުގެ ވައިގެ ސިފައިންގެ ބޭނުންކުރާ ޖެޓްތައް އިންޑިޔާގެ ވައިގެ ސިފައިންގެ ޖެޓްތަކަށްވުރެ އެތައް ގުނައެއް ޒަމާނީވެފައި އޭގެ ސިސްޓަމްތަކުގެ ޓެކްނޮލޮޖީގެ ފެންވަރު ރަނގަނޅު ކަމަށްވެއެވެ.

އިންޑިޔާގެ ހަތިޔާރަކީ އާންމު ގޮތެއްގައި ބައު ދަގަނޑަށް ވެފައިވާ ބައު ހަތިޔާރެވެ. ޕާކިސްތާނުގެ ހަތިޔާރުތައް ނިސްބަތުން މަދުނަމަވެސް އެތަކެތި މާ އަލެވެ. އަދި ޓެކްނޮލޮޖީގެ ފެންވަރުވެސް ރަނގަނޅެވެ. އިންޑިޔާ ސިފައިންގެ ހަތިޔާރުތަކާއި އިންޑިޔާގެ ލަޝްކަރުތަށް ޒަމާނީކޮށް އައު ކުރުމަކީ އިންޑިޔާގެ ކޮންމެ ސަރުކާރަކަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖައިޝު މުހައްމަދު ޖަމާއަތުން އިންޑިޔާ ސިފައިންނާ ދެކޮޅަށް ދިން ހަމަލާއާ ގުޅިގެން އިންޑިޔާއިން ޕާކިސްތާނަށް ހަމަލާދިނީ އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ދަށްވެފައިވާ މަގްބޫލުކަން އިތުރުކުރުމުގެ ސިޔާސީ ބޭނުމުގައި ކަމަށް ޚުދު އިންޑިޔާގެ އިދިކޮޅު ފަރާތްތަކުންވެސް ދެކެއެވެ. އެ ހަމަލާދިނުމާއެކު ވަގުތީގޮތުން މޯދީގެ މަގްބޫލުކަން އިތުރުވިނަމަވެސް ޕާކިސްތާނުން އިންޑިޔާގެ ދެ ބޯޓު ވައްޓާލައި އެއް ބޯޓުގެ ޕައިލެޓް ހައްޔަރުކޮށް އިންޑިޔާގެ ވައިގެ ސިފައިންގެ މައްޗަށް ޕާކިސްތާނުގެ ވައިގެ ހޯދި ކާމިޔާބީގެ ސަބަބުން މޯދީގެ އިތުރުން މުޅި އިންޑިޔާއަށް ވެސް ވަނީ ލަދުވެތިކަމާ ކުރިމަތިލާންޖެހިފައެވެ.

އިންޑިޔާގެ ވައިގެ ސިފައިންގެ އަދަދު ގިނަވެފައި ބޯޓުތައް ގިނަ ނަމަވެސް ޕާކިސްތާނާ އަޅާބަލާއިރު އިންޑިޔާގެ ވައިގެ ސިފައިންގެ ގާބިލްކަން ކުޑަކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ. ކަޝްމީރުގެ ޖައްވުގައި ހިނގައިދިޔަ އެދެގައުމުގެ ވައިގެ ސިފައިންގެ ކުރިމަތިލުންތަކުން މިކަންމިވަނީ ޝައްކެއް ނެތް މިންވަރަށް ހާމަވެގެން ގޮސްފައެވެ. އަނެއްކޮޅުން ސިޔާސީ ކަންކަމަށް ބަލާއިރު މޯދީގެ މަގްބޫލުކަން އިތުރުވުމުގެ ބަދަލުގައި އެކަންދިޔައީ އަނެއްކޮޅަށް ޖެހިގެން ކަމަށް މުހައްލިލުން ދެކެއެވެ. އަދި ޚާއްސަކޮށް ޕާކިސްތާނުން ޝަރުތަކާނުލައި އިންޑިޔާގެ ޕައިލެޓް މިނިވަންކޮށް ދޫކޮށްލުމުން އިންޑިޔާއަށްވަނީ ލަދުވެތިކަން ކުރިމަތިވެފައެވެ.

މިމައްސަލާގައި އިންޑިޔާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވެސްވަނީ މޯދީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ކުރިމަތީގައި އިންޑިޔާ ބޭޒާރު ކޮށްލިކަމުގެ ތުހުމަތާއި މޯދީގެ ސިޔާސީ ބޭނުންތަކަށް އިންޑިޔާ ސިފައިން ގުރްބާން ކުރިކަމުގެ ތުހުމަތުވެސް ގާންދީ ވަނީ މޯދީގެ މައްޗަށް ކުރައްވައިފައެވެ. (ބައިނަލްއަގްވާމީ މީޑިޔާ ރިޕޯޓްތައް)