މަޖިލިސް އިންތިހާބުގައި ރަނގަޅު ހެޔޮ މަސައްކަތް ކުރެވޭނެ ބޭފުޅުން އިންތިހާބު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ބާރަށު ދާއިރާ އަށް ވާދަކުރައްވާ އަހުމަދު އަބްދުﷲގެ ކެމްޕެއިން ފެށުމަށް މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެ އަދި ވެސް މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި މަޖިލީހުގެ ތެރެއިން ވަރަށް މުހިއްމު މަސައްކަތްތައް ކުރަން އެބަހުރި ކަމަށެވެ.

އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަމަށާއި ނަމަވެސް އެ ނަތީޖާ އަކީ އެއްވެސް ހާލެއްގައި އެއާ މެދު ފަރުވާ ކުޑަކޮށްގެންވާނެ ނަތީޖާއެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޣުލަބިއްޔަތު ނުލިބެއްޖެ ނަމަ ރާއްޖޭގެ ރައްޔިތުން އަނެއްކާ ވެސް ދެކޭނީ ވަރަށް ހިތާމަވެރި މަންޒަރެއް. އަނެއްކާ ވެސް އަޅުގަނޑުމެންގެ އުދަރެސް ބަނަވެގެންދާނީ ބަޣާވާތާ ދިމާއަށް. އަނެއްކާ ވެސް އަޅުގަނޑުމެންނާ ދިމާއަށް އަންނާނީ ހަމަނުޖެހުން،" ކަމަށް ނަޝީދު ވިދާޅުވި އެވެ.

ގާނޫނުތަކަކީ ހަމައެކަނި އަދަބުދޭ އަދި އުނގޫބާތް ކަނޑައަޅާ އެއްޗެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އިދިކޮޅު ޕީޕީއެމްގެ މެންބަރުންނަކީ އެމަނިކުފާނަށް ދުރު ބައެއް ނޫން ކަމަށާއި އެމްޑީޕީ އިން ވެރިކަން ކުރަން ބޭނުން ވަނީ ޕީޕީއެމްގެ މެންބަރުންނާ ވެސް އެކުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައިވީ ވައުދުތައް ވާނީ ފުއްދާފައި ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުރިހާ ވައުދަކީ ވެސް "އަކުރުން އަކުރަށް" ފުއްދާނެ ވައުދު ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ގިނަ ދިރާސާތަކަށް ފަހު ވެފައިވާ ވައުދުތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.