02 Mar 2019, 22:33
އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރާނެ ވޯޓު ކަރުދާސް ޕްރިންޓުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ މަޖިލިސް އިންތިހާބުގެ ވޯޓުކަރުދާސް ޕްރިންޓު ކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ކުންފުނިތަަކަށް މައުލޫމާތު ދިނުން އަންނަ ހޯމަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަނުގައި އޮންނާނެ ކަމަށެވެ.
އަންދާސީ ހިސާބު ހުށަހަޅަންޖެހެނީ މާޗު 10 ވަނަ ދުވަހުގެ 14:00 އަށް އިލެކްޝަންސް ކޮމިޝަނަށެވެ. ބީލަން ހުޅުވުން އޮންނާނީވެސް ހަމަ އެދުވަހުގެ އެ ގަޑީގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގައި ޖަހާ ފަހަގަ ފޮހެވުނު ވާހަކައާއި ޖަހާ ފާހަގަ ތިރިއަށް ފޭބި ވާހަކަ ދެކެވުނެވެ. ނަމަވެސް ވޯޓު ކަރުދާސްތައް ނައްތާލުމުގެ ކުރިން އިލެކްޝަންސް އިން ވަނީ ކަރުދާސްތައް ނޫސްވެރިންނަށް ދައްކާލައިފައެވެ. ވޯޓު ކަރުދާހުގައި އުޅޭކަމަށް ބުނި އެއްވެސް ކަމެއް އޭރު ފާހަގައެއް ނުވެއެވެ.
މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާހާ ގުޅޭގޮތުން އިލެކްޝަންސް އިން ބުނެފައިވަނީ ވޯޓު ކަރުދާހުގައިވާ ސެކިއުރިޓީ ފީޗާގެ އިތުރުން، އިތުރު ޔަގީންކުރުމެއް ހިމެނުމަށްޓަކައި ކޮންމެ ވޯޓު ކަރުދާހެއްގައި އިލެކްޝަންސް ކޮމިޝަނުން ތައްގަނޑެއް ޖަހާނެ ކަމަށެވެ.
މި ތައްގަނޑު ޖެހުމުގެ ބޭނުމަކީ ވޯޓު ފޮއްޓަށް ލާ ވޯޓު ކަރުދާހަކީ ސައްހަ ވޯޓު ކަރުދާހެއްކަން، ވޯޓު ފޮށި ބަލަހައްޓާ މީހާއަށް ފަސޭހައިން ޔަގީންވާނެ ގޮތެއް ހެދުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
ވޯޓު ކަރުދާހުގެ ޕްރިންޓިން މަސައްކަތް ކުރާ ތަނާއި ސެކިއުރިޓީ ރޫމުގައި ވޯޓު ކަރުދާސްތައް ބަހައްޓާ އިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.