ދިވެހި މަސްވެރިނަށް ފަހި ފުރުސަތުތަކެއް ހޯދައިދެމުން އަންނަ އަދި ދިވެހި މަސްވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންގެ ޖަމިއްޔާއިން މިފަހަރު ހަދިޔާއެއްގެ ގޮތުގައި މަސްވެރިންނަށް އުމްރާ ދަތުރެއް ދިނުމަށް ނިންމައިފި އެވެ.

މަސްވެރިންގެ ޖަމިއްޔާއާއި ނަވާ ހައްޖު އުމްރާ ގުރޫޕާ ގުޅިގެން ދޭ މި އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ރޯދަ މަހު ފަހު ދިހައިގެ އުމްރާ އަށެވެ.

މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހްމަދު ޝާފިއު މިއަދު "ސަން" އަށް ވިދާޅުވީ އެ ޖަމިއްޔާގެ ފަރާތުން ދޭ މި އުމްރާ ދަތުރަކީ ރާއްޖޭގެ މަސްވެެރިކަން ކުރާ މަސްވެރިންނަށް އުމްރާގެ އަޅުކަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި އަދި ހާއްސަކޮށް މަސްވެރިން އުމްރާއަށް ދިއުމަށް ހިތްވަރު ދިނުމަށް ކުރާ ކަމެއް ކަމަށެވެ. އުމްރާ ދަތުރު ދިނުމަށް ހަމަ ޖެހިފައިވަނީ އެއް މަސްވެރިއަކަށް ކަމަށް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ. އުމްރާ އަށް ދާ މަސްވެރިޔާ ހޮވާނީ ނެގޭ ހާއްސަ ގުރުއަތަކުން ކަމަށާއި އެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު އެ ޖަމިއްޔާގެ ވެބްސައިޓުގައި (https://www.maldivetuna.com) ރަޖިސްޓްރީ ވުމުން ލިބިގެން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އުމްރާ އަށް ދާ މަސްވެރިޔާ ހޮވާނީ މިހު 17 ވަނަ ދުވަހު ބާއްވާ ޖަމިއްޔާތަކުގެ މަހާސިންތާ "ހަވެލި" ތެރެއިން ކަމަށެވެ.

މަސްވެރިންގެ ޖަމިއްޔާ އިން މިފަހަރު މަސްވެރިންނަށް ހަދިޔާއަކަށް އުމްރާ ދަތުރެއް --

މަސްވެރިންގެ ޖަމިއްޔާ އަކީ، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ތަފާތު ކަންތައްތަކެއް ކުރަމުން އަންނަ ޖަމިއްޔާ އެކެވެ. އެގޮތުން މަސްވެރިންގެ ޖަމިއްޔާ އިން މިމަހު އަށް ވަނަ ދުވަހު ފާހަގަ ކުރާ އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެނުނަށް މަސްވެރިކަން ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން މަސްވެރިންނަށް އަމާޒުކޮށްގެން މިދިޔަ މަހު އެ ޖަމިއްޔާ އިން ވަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކްސް ސާމާނު ވިއްކަމުން އަންނަ ޕާސަނަލް ކޮމްޕިއުޓާސްއާ ގުޅިގެން އެ ކުންފުނީގެ ކޮންމެ ފިހާރަކުން ޖަމިއްޔާގެ މެމްބަރުންނަށް ހާއްސަ ޑިސްކައުންޓް ތަކެއް ވެސް ތައާރަފް ކޮށްފައެވެ.