އިސްލާމީ ގަައުމުތަކުގެ މައްޗަށް އެކުލެވިގެންވާ ޖަމިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލްއިން ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ޝަރަފްވެރި މެހެމާނަކަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް ހަމަޖެއްސުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.

ޝުޝްމާ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމާ ގުޅިގެން ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރައިޝީ ވަނީ އެ ބައްދަލުވުން ބޮއިކޮޓްވެސް ކޮއްފައެވެ.

" އަޅުގަނޑެއް ނުދާނަން ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަކަށް." އޭނާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު އެ ބައްދަލުވުން ބޮއިކެޓް ކުރެއްވުމުން އެ ބައްދަލުވުމުގައި ޕާކިސްތާނުން ބައިވެރިވަޑައިގަންނަވަނީ ދަށް މަގާމެއްގެ ބޭފުޅެކެވެ.

އޯއަސީގެ ބައްދަލުވުމަށް 1969 ވަނަ އަހަރުވެސް އިންޑިއާއަށް ދައުވަތު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޕާކިސްތާނު އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެދުމުން އެކަން އޮތީ ނުވެފައެވެ. އެހެން ކަމުން މިއީ ތާރީހުގައިވެސް އިންޑިއާއިން އޯއަސީގެ ބައްދަލުވުމުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

އެ ބައްދަލުވުމުގައި އިންޑިއާއިން ބައިވެރިވިއިރު، ދާދި ފަހުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އިންޑިއާއަށާއި ޕާކިސްތާނަށްވެސް ވަޑައިގެންފައެވެ. އަދި އެ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަލީއަހުދު ވަނީ ވިދާޅުވެފައެވެ.

އޯއައިސީއަކީ އިސްލާމީ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކަށާއި އެގައުމުގެ މަސްލަހަތުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އިންޑިއާއިން ކަޝްމީރު އަޅުވެތިކޮށްފައިވާއިރު، އެ ސްޓޭޓްގައި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އެތަކެއް އަމަލެއް ހިންގައެވެ. ހުދު އދ. އިން ވެސް ވަނީ ކަޝްމީރުގެ ރައްޔިތުން ބޭނުންވަނީ އިންޑިއާގެ ދަށުގައި އޮންނަންތޯ ނޫނީ ނޫންތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައިފައެވެ. ނަމަވެސް އިންޑިއާއިން މިހާތަނަށްވެސް އެ ގަރާރަށް އަމަލުކޮށްފައެއް ނުވެއެވެ.