12 Oct 2011, 09:37
އދ. މަޖިލިސް (އޮކްޓޯބަރ 12) : އަފްޣާނިސްތާނުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައިވާ މީހުންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދެމުން ގެންދާ ކަމަށް އދ. ން ތުހުމަތުކޮށްފިއެވެ. އަފްޣާނިސްތާނުގެ ޖަލުތަކާއި އަސީރުންނާއި އެނޫން ޖަލުމީހުންގެ ޙާލަތު ބެލުމަށްފަހު އދ. ން ނެރުނު ރިޕޯޓެއް ބުނާގޮތުން އަފްޣާން ސަލާމަތީ ބާރުތަކުން، ޖަލުމީހުންނަށާއި ހަނގުރާމައިގެ އަސީރުންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް ހިންގަމުން ގެންދަނީ ދުރާލައި ރާވައިގެން މީހުންނަށް އަނިޔާކުރުމުގެ ލާއިންސާނީ ނިޔަތުގައިކަން ހާމަވާ ކަމުގައެވެ.
މި ރިޕޯޓް ބުނާގޮތުން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ހައްޔަރުކުރާ ތާލިބާން ހަނގުރާމަވެރިންނަށާއި ތާލިބާނުންނާ ގުޅުންބާއްވާ ކަމަށް ޝައްކުކުރެވިގެން ހައްޔަރުކުރާ މީހުންއަފްޣާން ސަރުކާރުން އެދޭ އެކިކަންކަމަށް އެއްބަސް ކުރުވުމަށްޓަކައި އިންތިހާއަށް ލާއިންސާނީ ޢަމަލުތައް އަފްޣާން ސަލާމަތީ ބާރުތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުން ގެންދެއެވެ.
މިފަދަ އަނިޔާތަކުގެ ތެރޭގައި އަސީރުންނާއި ޖަލުމީހުންގެ ނިޔަފަތި އުފުރުމާއި ޖިންސީ ގުނަވަނުގައި ތެޅުމާއި ޖިންސީ ގުނަވަނުގައި ހިފައި ހޭނެތެންދެން އެގުނަވަން އަނބުރާލުންފަދަ ބޮޑެތި އަނިޔާތައް ހިމެނެއެވެ. މީގެއިތުރުން ގައިގެ ގުނަވަންތަކުގައި ކަރަންޓްގައި ޖެއްސުމާއި ހަށިގަނޑުގެ ޙައްސާސީ ގުނަވަންތަކުގައި ގަދައަށް ތެޅުންފަދަ ލާއިންސާނީ ޢަމަލުތައްވެސް އަފްޣާން ސަލާމަތީ ބާރުތަކުން ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާކަން އދ. ގެ ތަޙްޤީޤްތަކުން ހާމަވާކަމަށް އދ. ގެ ރިޕޯޓްބުނެއެވެ.
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގަމުން ގެންދާ ޖަލުތަކުގައިވެސް މިބާވަތުގެ އަނިޔާތައް ހިންގަމުންގެންދާ ކަމުގެ ޚަބަރުތައް ފެތުރިފައިވެއެވެ. ޢިރާޤޫގެ އަބޫޣުރައިބު ޖަލުގައާއި ގުއަންޓެނާމޯ ޖަލުގައާއި ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެމެރިކާ ހިންގާ ސިއްރުޖަލުތަކުގައި މުސްލިމް އަސީރުންނާ ދެކޮޅަށް މިފަދަ އަނިޔާވެރި ޢަމަލުތައް ހިންގާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވެސް ކުރެވިފައިވެއެވެ. (ރޮއިޓާސް)