02 Mar 2019, 17:44
ގދ. ގައްދޫގައި ކުޑަ ކުއްޖަކު ފިހިގެން ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
މިހާދިސާގައި ފިހިފައިވަނީ ތިން އަހަރުގެ އަންހެން ކުއްޖެކެވެ. އާއިލާއިން މައުލޫމާތު ދިން ގޮތުގައި ކުއްޖާ ފިހިފައިވަނީ ސައި ތައްޓެއް ގަޔަށް އެޅުމުގެ ސަބަބުންނެވެ.
ގައްދޫ ހެލްތް ސެންޓަރާ މިވަގުތު ހަވާލުވެ ހުންނެވި އައިޝަތު ޝީޒާ މިއަދު "ސަން" ވިދާޅުވީ، މިއަދު ހެނދުނު 8:30 އެހާކަށް ހާއިރު ކުޑަ ކުއްޖަކު ފިހިގެން ހެލްތް ސެންޓަރަށް ގެނެވުނު ކަމަށާއި ނަމަވެސް ސިއްހީ މަރުކަޒުގައި ދޭނެ ބޭހެއް ނެތުމުން މިހާރު އެ ކުއްޖާއަށް ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ތިނަދޫ ގައި މިވަގުތު ހުންނެވި، ގައްދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ އަމީރު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުއްޖާ ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާއި އަދިވެސް ތިނަދޫ ހޮސްޕިޓަލުގައި އެކުއްޖާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "ސަން" އަށް މައުލޫމަތު ދެެމުން ބުނީ، އެ ކުއްޖާ ފިހިފައިވަނީ، ސައި ތައްޓެއް ގަޔަށް އެޅިގެން ކަމަށެވެ. އަދި ފިހުމުގެ ސަބަބުން ކުއްޖާއަށް ދޭނެ ބޭހެއް އެ ރަށު ހެލްތް ސެންޓަރުގައި ނެތުމުން މިއަދު ހެނދުނު 11:00 އެހާކަށް ހާއިރު ތިނަދޫ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ބުންޏެވެ،
އޭނާ އިތުރަށް ބުނީ، ރަށު ހެލްތް ސެންޓަރުގައި ދެވޭނެ ބޭހެއް ނެތުމުން ދެ ގަޑި އެއްހާއިރު އެކުއްޖާ އަށް ފަރުވާ ނުދެވި މަޑުކުރަން ޖެހުނު ކަމަށެވެ.
"ކައުންޓަރުގައި ޖަވާބުދާރީ ވާނެ މީހަކު ނެތް. ކައުންޓަރުގައި ހުރި ކުއްޖާ ދިޔައީ ސައި ބޯން. ތަނާ ހަވާލުވެގެން ހުރި މީހާ ހުރީ ޗުއްޓީގައި ކަން ނޭނގެ. ކުއްޖާއަށް ގާތްގަޑަކަށް ދެ ގަޑި އިތު ފަރުވާ ނުދެވި އޮތުމަށްފަހު، އާސަންދަ ހަމަޖެހިގެން ކުއްޖާ [ތިނަދޫއަށް] ފޮނުވާލީ،" އައިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ،
"މައްސަލަ އަކީ، ސިއްހީ މަރުކަޒުގައި ނެތް އެވަރުގެ ކަމަކަށް ދެވޭނެ އެއްވެސް ބޭސް ފަރުވާއެއް،"
ކުއްޖާގެ މިހާރުގެ ހާލަތު އަދި ސާފުވާގޮތެއް ވަނީ ނުވެފައެވެ.
ހެލްތެ ސެންޓަރާ ހަވާލުވެ ހުންނެވި، ޝީޒާ ވިދާޅުވީ، ހެލްތް ސެންޓަރާއި އެސްޓީއޯ ބޭސް ފިހާރައިގައި ވެސް ކުއްޖާއަށް ދޭނެ ބޭހެއް ނެތް ކަމަށާއި ނަމަވެސް ދެވެން އޮތް އަސާސީ ފަރުވާއެއް ސިއްހީ މަރުކަޒުން ދިން ކަމަށެވެ.
ޝީޒާ ވިދާޅުވީ، އެންމެ ފަހުން އެ ސިއްހީމަރުކަޒަށް ބޭހެއް ލިބިފައިވަނީ މިދިޔަ މަހު ކަމަށާއި އެ ބޭސްތައް މިހާރު ހުސްވެފައިވާ ކަމަށެވެ. އަދި ބޭސް ލިބޭ އިރުވެސް ލިބެނީ ވަރަށް މަދުން ކަމަށް ޝީޒާ ވިދާޅުވިއެވެ.
ޝީޒާ އިތުރަށް ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައި ކަމަށާއި ނަމަވެސް އަދިވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އެ ގޮތުން އެންމެ ފަހުން ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނާ ވެސް އެކަން ހިއްސާ ކުރެއްވި ކަމަށް ޝީޒާ ވިދާޅުވިއެވެ.
މިފަހުން އަޑިއަށް ދިޔަ ރަވާނާ ބޯޓުގައި އެރަށަށް ގެނައުމަށް ހަމަޖެހިފައިވާ ބޭސްތައް ހުރި ކަމަށާއި، އެ ބޭސްތައް ސިއްހީ މަރުކަޒަށް ނުލިބުމަކީ، ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް ޝީޒާ ވިދާޅުވިއެވެ.