02 Mar 2019, 16:41
މިއަދު ހެނދުނު ފުލުހުން މާފަންނުގައި ހުންނަ ގެޔަކުން މަސްތުވާތަކެއްޗާ އެކު 20 މީހުންނާއި ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މިއަދު ހެނދުނު 10:52 ހާއިރު އެވެ.
އޮފިޝަލު ވިދާޅުވީ، މިއަދު ހައްޔަރު ކުރި 20 މީހުންގެ ތެރޭގައި ބިދޭސީއަކު ހިމެނޭ ކަމަށެވެ. އޭގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހައްޔަރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމީހުން ތިބި ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އަޅާފައި ހުރި 38 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން މިއަދު 20 މީހުންނާއި ކުޑަކުއްޖަކު ހައްޔަރު ކުރި އިރު، ފަހަކަށް އައިސް ކަސްޓަމްސް އިން ވެސް ދަނީ ޕާރުސަލް މެދުވެރިކޮށް އެތެރެ ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފަހައްޓަމުންނެވެ.