އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އަނބިކަބަލުން، މަރިޔަމް ރޯޒްލީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައި ވަނީ މިދިޔަ މަހު 22 ވަނަ ދުވަހު ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ސަޕޯޓަރުން އައިޖީއެމްއެޗް ތެރޭގައި ކުރި އިހްތިޖާޖެއްގައި ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް ހަމަލާދިން ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ރާއްޖެ ޓީވީގެ ނޫސްވެރިޔެއްގެ ގަޔަށް އަތްލައި މާރަމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލު ކުރަމުން ދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ކޮންބަޔަކާ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. މީގެ އިތުރުން އައިޖީއެމްއެޗުގެ ސިސީޓީވީތަކުގެ އިތުރު ފޫޓޭޖް ވެސް ހޯދަމުން ދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެކަަމާ ގުޅިގެން، ނިހާން މިރޭ "ސަން" އަށް ވިދާޅުވީ، ރާއްޖެ ޓީވީ ނޫސްވެރިޔަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ ގެ އަންހެނުން މީގެ ދެ ދުވަސް ކުރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފައިވާ ކަމަށެވެ. އަދި ހުށަހަޅާފައިވާ މައްސަލަ އަކީ ސިޔާސީ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"މިކަން ކޮށްގެން މިއުޅެނީ ސިޔާސީ ކަމަކަށް ހަދަން ވެގެން. އެނޫން ކޮންކަމެއްތޯ އެކަމުގައި އޮންނާނީ... ސިޔާސީ ކަމަކަށް މިކަން ހެދުމަށް ނޫން ކަމެއް މިކަމުގައި ނުފެނޭ،" ނިހާން ވިދާޅުވި އެވެ.

"ޑިމޮކޮރަސީގައި ހަތަރު ވަނަ ބާރަކީ މިނިވަން މީޑިއާ. ހާއްސަކޮށް ނޫސްވެރިން. ނޫސްވެރިން ބާކީ ތިބި ރައްޔިތުން ގޮވައިގެން ފުލުސް އޮފީހަށް ދާން ޖެހޭ ހިސާބަށް ދިޔުމަކީ [ދެރަކަމެއް]. މިނިވަން ނޫސްވެރިކަމުގެ ވާހަކަ ދައްކާ ބައެއް. ޗެނަލް 13 [ގައި މަސައްކަތް ކުރި] ލަޔާލް އަށް ނެވާނުލެވޭ ވަރު ކުރީމަ ލަޔާލް ނުދޭ އެމީހުން ގޮވައިގެން ކޯޓަކަށް ނުވަތަ ފުލުސް އޮފީހަކަށް،"

ނިހާން ވިދާޅުވީ، އޭނާގެ އަނބިކަބަލުން ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމެއް އެނާއަށް އެގިފައި ނުވާ ކަމަށެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު، ރާއްޖެ ޓީވީގެ ނޫސްވެރިޔާ، އަހްމަދު ދާނިޝް ނިޒާމް ވަނީ އައިޖީއެމްއެޗްގެ ތެރޭގައި ރައީސް ޔާމީންގެ ސަޕޯޓަރުން ކުރި އިހުތިޖާޖުގެ ތެރެއިން އޭނާ އަށް ހަމަލާ ދިން ކަމަށް ބުނެ އެމައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

މަސައްލަ ހުށަހެޅުމަށް ފަހު އޭރު ދާނިޝް "ސަން"އާ ވާހަކަ ދައްކަވަމުން ބުނީ، އެއްވުމުގެ ބައިވެރިން އޭނާއާ ހުތުރު ބަހުން މުއާމަލާތުކޮށް، ރާއްޖެ ޓީވީގެ ކެމެރާ ކުރިމައްޗަށް އަރައި ކެމެރާއަށް ހުރަސް އެޅި ކަމަށެވެ. އަދި އެއްވުމުގެ ބައިވެރިއަކު އޭނާ ކޮއްޕައި އޭނާގެ ބުރަކަށީގައި ތިން ފަހަރު ޖެހި ކަމަށެވެ.

އިހުތިޖާޖުގެ ބައިވެރިން އެގޮތަށް ކަންތައް ކުރުމުން، އެއީ ގޯހެއް ކަމަށް ބުނެ އެކަން ހުއްޓުވަން ނިހާން މަސައްކަތް ކުރެއްވި ކަމަށް ވެސް ދާނިޝް ބުންޏެވެ.

ފުލުހުން ބަލަމުންދާ މައްސަލައެއްގައި މީގެ ދެދުވަސް ކުރިން ނިހާންގެ އަނބިކަބަލުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ އިރު، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށް ފުލުހުން ބަލަމުންދާ މައްސަލައެއްގައި މިދިޔަ ހަފްތާ ހޮނިހިރު ދުވަހު ނިޙާން ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.