02 Mar 2019, 16:08
ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބަށް ވޯޓު ލުމަށް މިހާރު ރަޖިސްޓްރީ އޮތް ތަން ނޫން އެހެން ތަނަކަށް ރީ ރަޖިސްޓްރީ ކުރުމަށް ފަހު ވަގުތަށް މަޑުކޮށްގެން ތިބުމުން ރީ ރަޖިސްޓްރޭޝަން ކިއު ދިގު ވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލީ މިދިޔަ މަހު 19 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ދެ ފަހަރެއްގެ މަތިން ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރު ކުރި އެވެ.
ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިރޭ 10:00 އާ ހަމައަށް އިތުރު ކޮށްފަ އެވެ.
"ސަން"ގެ ނޫސްވެރިން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު ހުންނަ، ބާ ޖަމާލުއްދީންނަށް ދިޔަ އިރު، އެ މަރުކަޒުގައި ރީ ރަޖިސްޓްރޭޝަންގެ ކިއު ވަނީ ވަރަށް ދިގު ވެފަ އެވެ. އަދި އެ ގޯތި ތެރޭގައި ވެސް ފުދޭ ވަރަކަށް މީހުން ރީރަޖިސްޓްރޭޝަން ފޯމު ފުރުމުގައި ހަރަކާތްތެރި ވަމުން ދިޔަ އެވެ.

އިންތިހާބީ މަރުކަޒުގައި ރީ ރަޖިސްޓްރީ ކުރުމަށް ދިގު ކިއު އެއް ހެދިފައި -- ސަން ފޮޓޯ މުހައްމަދު މުޒައްޔިން ނާޒިމް
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، ރީ ރަޖިސްޓްރޭޝަންގެ ކިއު ދިގުވެފައި ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ރަޖިސްޓްރީ ނުކޮށް ބައެއް މީހުން މަޑުކުރުމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެން ހަމަ އިލްތިމާސްކުރަން އެންމެ ފަހު ދުވަހާ ހަމައަށް މަޑުނުކޮށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ވެސް އަވަހަށް ފޯމު ހުށަހެޅުއްވުމަށް. އެންމެ ފަހުވަގުތާ ހަމައަށް މަޑުކުރީމަ ގިނަ އިރުގައި ކިއުގައި މަޑުކުރަން ޖެހެނީ." އަކްރަމް ވިދާޅުވި އެވެ.

ރީރަޖިސްޓްރޭޝަނަށް ދިގު ކިއުއެއް ހެދިފައިވާ އިރު އީސީ އިން ވަނީ ރަޖިސްޓްރޭޝަން ފޯމު ބަލައިގަތުން މިރޭ 10:00 އަށް އިތުރުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން
ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ ހަފްތާ ވެސް ފޯމު ހުށަހެޅީ އެންމެ 100 މީހުން ކަމަށާއި އެންމެން ވެސް ފަހު ވަގުތަށް މަޑުކުރިކަން އަކްރަމް ފާހަގަކުރެއްވި އެވެ. މިހާނަށް ޖުމްލަ 8،500 ފޯމު ހުށަހަޅާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ރީ ރަޖިސްޓްރީވުމަށް އެދި ހުށަހަޅާން ޖެހެނީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކެވެ.
މިއަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އެ އިންތިހާބުގައި މިހާތަނަށް 87 ދާއިރާއަށް 395 ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފަ އެވެ.