ކޯރަމް ހަމަ ނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 9:30 އަށް ފަސްކޮށްފި އެވެ.

މިއަދު 9 ޖަހާއިރު ފަށަން އޮތް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަވާވަރަށް މެންބަރުން ވަޑައިނުގެންނެވުމުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަހަން ޖެހޭ ފަސް މިނިޓްގެ ރަނގަބީލު ޖެއްސެވުމުން ވެސް މެންބަރުން ހަމަނުވުމުން ޖަލްސާ ލަސްކުރެއްވިކަން އިއްލާން ކުރައްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، 9:30ގައި ޖަލްސާ ފެއްޓެވުމަށް 9:25ގައި ރަނގަބީލު ޖައްސަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ދެވަނަ ފަހަރަށް އިސްލާމިކް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވި ޑރ.އަބުދުލް މަޖީދު އަބުދުލް ބާރީއަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމާއި، ސިޔާސި ޕާޓީތަކުގެ މެންބަރުންގެ އަދަދަށް އައި ބަދަލާ ގުޅިގެން ކޮމިޓީތަކަށް އައި ބަދަލު މަޖިލީހަށް ހުށަހެޅުން ހިމެނެ އެވެ. އޭގެ އިތުރުން ވިލިގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒް، ގއ. އަތޮޅު ފިހާރައިގެ ފައިސާގެ ތެރެއިން މިހާރު ބާކީ ހުރީ ކިހާ ފައިސާއެއްތޯ އާއި އެ ފައިސާ ހުރީ ދައުލަތުގެ ކޮން އެކައުންޓެއްގައިތޯ ބެލުމަށް ފިނޭންސް މިނިސްޓަރާ ސުވާލު ކުރެއްވުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ. އަދި ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ އިތުރުން ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ އިސްލާހީ އެޖެންޑާގައި ހިމެނޭ ބައެއް ބިލުތަކުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.