ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީ ރެޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތު މިރޭ 10:00 ޖެހުމާ ހަމައަށް އިތުރުކޮށްފިއެވެ.

ރީ ރަޖިސްޓްރޭޝަން މުއްދަތު ކުރިން ހަމަވާ ގޮތަށް އޮތީ މިއަދު ތިނެއް ޖަހާއިރަށެވެ. ނަމަވެސް ރީ ރަޖިސްޓްރީ ކުރަން ގިނަ ބަޔަކު ކިއުގައި ޖެހިފައިވާތީ އެ މުއްދަތު މިރޭ 10 ޖެހުމާ ހަމައަށް އިތުރުކުރީ ކަމަށް އިލެކްޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީ ރެޖިސްޓްރީއަށް މިހާތަނަށް ޖުމްލަ 8،500 ފޯމު ހުށަހަޅާފައިވާ ކަަމަށެވެ. އަދި މިހާރުވެސް ކިއުގައި ގިނަ މީހުން ތިބިކަން އަކްރަމް ފާހަގަކުރިއެވެ. އަދި ވިދާޅުވީ ކިއުގައި ގިނަ އިރު މަޑުކުރަން ޖެހެނީ ރީ ރެޖިސްޓްރީ ކުރުން އެންމެ ފަހު ވަގުތާ ހަމައަށް ލަސްކުރުމުން ކަމަށެވެ.

"އަޅުގަނޑުމެން ހަމަ އިލްތިމާސްކުރަން އެންމެ ފަހު ދުވަހާ ހަމައަށް މަޑުނުކޮށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ވެސް އަވަހަށް ފޯމު ހުށަހެޅުއްވުމަށް. އެންމެ ފަހުވަގުތާ ހަމައަށް މަޑުކުރީމަ ގިނަ އިރުގައި ކިއުގައި މަޑުކުރަން ޖެހެނީ." އަކްރަމް ވިދާޅުވި އެވެ.

ރީރމ ރެޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ ހަފްތާވެސް ފޯމު ހުށަހެޅީ އެންމެ 100 މީހުން ކަމަށާއި އެންމެންވެސް ފަހު ވަގުތަށް މަޑުކުރިކަން އަކްރަމް ފާހަގަކުރެއްވިއެވެ.

އޭޕްރިލް ހައެއްގައި ބާއްވާ މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.