ބަލި މީހުންގެ ރައްކާތެރިކަމާ ބެހޭ ބައިނަލް އަގުވާމީ ބައްދަލުވުމެއްގައި ބައިވެރިވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސައުދި އަރަބިއާއަށް ވަޑައިގެންފި އެވެ.

ދުނިޔޭގެ 50 ގައުމެއްގެ ހެލްތް މިނިސްޓަރުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާތަކުގެ އިސްވެރިން ބައިވެރިވާ އެ ބައްދަލުވުމުގައި ބަލިމީހުންގެ ރައްކާތެރިކަމާ ބެހޭ ގޮތުން ގައުމުތައް އަހުލުވެރި ކުރުވާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިއަދާއި މާދަމާ ކުރިއަށްދާ އެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ހެލްތް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި ބަލިމީޙުންގެ ރައްކާތެރިކަން ކަށަވަރުކުރަން ހުށަހަޅާ ކަންތައްތަކާ ގުޅޭ ގޮތުން އެކުލަވާލާ "ޖިއްދާ ޑެކްލަރޭޝަން އޮން ޕޭޝަންޓް ސޭފްޓީ." އެއްބަސްވުމުގައި ސޮއިކުރުމަށް ގައުމުތަކުން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ހެލެތް މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގެ އެހީދޭ ޖަމާއަތްތަކުގެ އިސްބޭފުޅުންނާއި އެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު އަމީން ބައްދަލު ކުރައްވަން ވަނީ ނިންމަވައިފަ އެވެ.