ހުޅުމާލޭ ފޭސް ދޭއްގައި ހަދަމުންދާ އިމާރަތަކުން ވެއްޓި މީހަކު މަރުވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެދުނު 8:29ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ފޭސް ދޭއްގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި މަރުވެފައި ވަނީ ޗައިނާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އޭނާ ވެއްޓިފައި ވަނީ، ހަދަމުން ދިޔަ ހަ ވަނަ ޓަވަރުގެ ނުވަ ވަނަ ފަންގިފިލައިން އެ އެޓަވަރުގެ ދެ ވަނަ ފަންގިފިލަޔަށް ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ.

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން މީހަކު ވެއްޓި މިއަދު މަރުވެފައިވާ އިރު، މިދިޔަ މަހު 17 ވަނަ ދުވަހު ވެސް، ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ގަލަކުން ޖެހި ބަންގްލަދޭޝް ރައްޔިތަކު ވަނީ މަރުވެފަ އެވެ. އޭނާ ވަޅުލާފައި ވަނީ މި ދިޔަ މަހު 19 ވަނަ ދުވަހު އެވެ.