01 Mar 2019, 23:05
ހުޅުމާލޭގައި މާބަނޑު އަންހެނަކު މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓުވެއްޖެއެވެ.
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން ފުލުހުން ވެސް ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ފުލުހުން ބުނީ މާބަނޑު އަންހެނަކު މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓުވި ކަން ކަށަވަރުކޮށްދޭ ކަމަށާއި އެ ހާދިސާ ހިނގީ ހުޅުމާލޭގައި ކަމަށެވެ. އެކްސިޑެންޓު ހިނގީ ކޮން ސަރަހައްދަކު ކަމެއްވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދައިގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓް ވި މީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. ނަމަވެސް މީގެ އިތުރުން އެހެން އަނިޔާއެއް ފާހަގަ ކުރެވިފައެއް ނުވެއެވެ. އަދި މިހާރު އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ދަނީ ފަރުވާ ދެވެމުން ކަމަށާއި އެއީ އުމުރުން 31 އަހަރުގެ މީހެއް ކަމަށް ވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.
މީގެ ކުރިން މާލޭގައި ސެނެހިޔާ ހޮސްޕިޓަލު ކައިރިން ކަފިހި ހުރަސް މަތިން އަންހެނަކު މަގު ހުރަސްކުރަނިކޮށް ޓެކްސީ އަކުން ޖެހި ވަނީ އެކްސިޑެންޓުވެފައެވެ. އެ އަންހެން މީހާގެ ބޮލަށް އަނިޔާވެ ކޯމާއަކަށް ގޮސްފައިވާއިރު ޓެކްސީ ޑްރައިވަރުގެ ލައިސަންސް ދެ އަހަރަށް ހިފަހައްޓާ އެ ޓެކްސީގެ ހުއްދަ ވަނީ ބާތިލް ކޮށްފައެވެ.
ސެނަހިޔާ ކުރިމަތީ ހިނގި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.