ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ ބައްދަލު ކުރައްވައިފިއެވެ.

ޝާހިދު ސުޝްމާ އާ ބައްދަލު ކުރައްވާފައިވަނީ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުވުން ކުރިއަށް ދަނީ ޔޫއޭއީގެ އަބޫދާބީގައެވެ. ބައްދަލުވުމުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ ސުޝްމާއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި ސަރަހައްދުގެ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށްް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން އެއްބަސްވެފައިވާ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެގޮތުން އެ ދަތުރުފުޅުގައި އެއްބަސްވެ މަޝްވަރާ ކުރެވުނު ކަންކަމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން ދެބޭފުޅުން ވަނީ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.

އިންޑިއާ - ޕާކިސްތާން މައްސަލާގައި އިންޑިއާގެ ކަންބޮޑުވުންތައް އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ވަނީ ޚާރިޖީ ވަޒީރު ޝާހިދާ ހިއްސާ ކުރައްވައިފައެވެ. މި މައްސަލާގައި ރާއްޖެއިން ދެކޭގޮތް ބަޔާންކޮށް ޚާރިޖީ ވުޒާރާއިން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ ދެ ގައުމުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ގޮވާލައިފައެވެ.