01 Mar 2019, 20:26
އެމްޑީޕީން މިހާރު ނުކުމެ ތިބީ ބަޣާވާތަކުން ވެރިކަން ވައްޓާލީމާ އަލުން ތެދުވެ ކަމަށާއި ދެން ވައްޓައެއް ނުލެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަށް ވާދަކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން އެމްޑީޕީން މިއަދު ބޭއްވި އެޖެންޑާ 19 ހިނގާލުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދެން މިގައުމުގައި ބަޣާވާތަކުން ވެރިކަމެއް ވައްޓާ ނުލެވޭނެ ކަމަށެވެ.
ނަޝީދު ތުހުމަތު ކުރައްވާގޮތުން 2012 ފެބުރުއަރީ ހަތްވަނަ ދުވަހު އޭނާގެ ވެރިކަން ވައްޓާލަން މިގައުމުގައި ހިންގީ ބަޣާވާތެކެވެ. ނަމަވެސް ކޯނީ ރިޕޯޓުގައި ބުނެފައިވާގޮތުން އެއީ ބަޣާވާތެއް ނޫނެވެ.
" އިރާދަކުރެއްވިއްޔާ ދެނެއް މިގައުމަކު ބަޣާވާތެއް ނުކުރެވޭނެ. އަޅުގަނޑުމެން ނުކުމެ މިތިބީ ވައްޓާލީމާ ތެދުވެ. ދެނެއް އިރާދަކުރެއްވިޔާ އަޅުގަނޑުމެނެއް ވައްޓައެއް ނުލެވޭނެ." މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ބޭއްވި އެޖެންޑާ 19 ހިނގާލުމުގެ ތެެރެއިން ރައީސް ނަޝީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ނަޝީދު ވިދާޅުވީ މިރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް މަޖިލިސް 19 ވެގެން ދާނީ މުހިންމު ވަސީލަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
" މަޖިލިސް 19 ތިބޭފުޅުންނަށް ގޯއްޗެއް ހޯދައިދޭނެ. މަޖިލިސް 19 ތިބޭފުޅުން ގެއެއް އަޅާނެ ލޯނެއް ހޯދައިދޭނެ. މަޖިލިސް 19 ދަރިވަރުންނަށް ލޯނެއް ދޭނެ. މަޖިލިސް 19 އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ދޭނެ. މަޖިލިސް 19 އިންސާފު ހޯދާ ދޭނެ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުން އެދެ ހެޔޮ ބަދަލު ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ. އެމްޑީޕީގެ އެޖެންޑާ 19 ހިނގާލުމުގައި އެޕާޓީގެ އިސް ބޭފުޅުންނާއި ގިނަ ކެންޑިޑޭޓުން ބައިވެރިވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މިފަހަރުވެސް އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީން ހުށަހަޅަނީ ދިވެހި ރައްޔިތުންނަށް އިންސާފުވެރި ތަރައްގީއެއް ކަމަށެވެ. އެމްޑީޕީން ހުށަހަޅާ ކަންކަން ރައްޔިތުންނަށް ލިބޭކަން ގާނޫނަކުން ކަށަވަރުކޮށްދޭނެ ކަމަށް އީވާ ވިދާޅުވި އެވެ.
" ބޯހިޔާވަހިކަން އަޅުގަނޑުމެން ގާނޫނަކަށް މިލައިދެނީ، ވެށިފަހި މާލެ ގާނޫނަކަށް މިލައިދެނީ. ދިވެހި ރައްޔިތުންނަށް މާލޭ ރައްޔިތުންނަށް އަޅުގަނޑުމެން ހޯދައިދޭނީ ބޯހިޔާވަހިކަން." އީވާ ވިދާޅުވި އެވެ.