12 Oct 2011, 00:52
ސަން އޮންލައިންގެ ޔޫޒާ އޭރިޔާގެ ގޮތުގައި ކިޔުންތެރިންނަށް ހާއްސަ ކޮށްފައިވާ ވެބް ސާވިސް، "ސަން ރީޑާސް" ތައާރަފުކޮށްފި އެވެ.
ސަން އޮންލައިންގައި ގާއިމު ކުރި "ރީޑާސް" ސެކްޝަނަކީ ސަން އޮންލައިންގެ ކިޔުންތެރިންނަށް ވީހާވެސް ބޮޑަކަށް ނޫސް ހުޅުވައިލަދިނުމަށް ތައާރަފުކުރި ސެކްޝަނެކެވެ. sun.mv/r މި އެޑްރެހުގައި ގާއިމުކޮށްފައިވާ ވެބް ސާވިސްގައި ކިޔުންތެރިން ރަޖިސްޓްރީވުމަށް ފަހު ކިޔުންތެރިންނަށް ހާއްސަކޮށްފައިވާ ސަފުހާތަކުގައި އެކިއެކި ދާއިރާތަކުން ހަބަރާއި މައުލޫމާތު ޕޯސްޓްކޮށް ގައުމާ ހިއްސާކޮށް ކިޔުންތެރިން އަމިއްލައަށް ލިޔުންތައް ރޭޓް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
"ރީޑާސް" މި ސެކްޝަން ފަރުމާ ކޮށްފައި ވަނީ ކިޔުންތެރިން، ލިޔުންތެރިންނަށް ވުމަށާއި ހިޔާލު ފާޅު ކޮށް، ހިމޭން ކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލިޔަން ފަސޭހަ، ރަހުމަތްތެރި ގޮތަކަށެވެ. ރަޖިސްޓްރީވުމާއެކު ކިޔުންތެރިޔާއަށް އަމިއްލަ ޕްރޮފައިލަކާއި އަމިއްލަ ޑޭޝްބޯޑެއް ލިބި، ލިޔަން ބޭނުންވާނެ އެހީތަކުގެ ތެރެއަށް ވަދެވޭނެ އެވެ. ކިޔުންތެރިންގެ ލިޔުންތައް މި ވެބްސާވިސްގެ ތެރެއިން ސަން އޮންލައިނަށް ލިބުމާއެކު މޮޑަރޭޓްކޮށް ކޮޕީ އެޑިޓް ކުރުމަށް ފަހު އެލިޔުމަކާ ގުޅޭ ފޮޓޯއާއެކު ޝާއިއު ކުރުމުގައި ލަހެއް ނުކުރާނެ އެވެ.
ސަން އޮންލައިންގެ ކޮންސަލްޓަންސީ ފާމް، "ސެމިކޯލަން"ގެ ކްރިއޭޓިވް ޑައިރެކްޓަ ނަސްރުﷲ އަދުނާން، ވިދާޅުވީ ސަން އޮންލައިންގެ "ރީޑާސް" ސެކްޝަން ފަރުމާކޮށްފައި ވާނީ ކިޔުންތެރިންނަށް ވީހާވެސް ބޮޑަށް ނޫހުން ފުރުސަތު ދީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި ބައިވެރިވެވޭނެ ގޮތް ހަދައިދޭން ކަމަށެވެ.
"މިއީ ސަންގެ ތެރެއިން ދެވޭ ކްރައުޑް ބޭސްޑް ވެބް ސާވިސްއެއް. ކިޔުންތެރިން ލިޔާ ލިޔުންތަކަށް ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިގެންދާނެ ގޮތަށް މިހާރު އޮތް ހިސާބުން ވެސް ސެކްޝަން ތަރައްގީކޮށްފައި ވާނީ." ނައްޓު ވިދާޅުވި އެވެ. "މި ސާވިސް ބޮޑަށް އަމާޒުކޮށްފައި ވާނީ އުފެއްދުންތެރި، ތަނަވަސް ލިޔުންތަކަށާއި ރިޕޯޓްތަކަށް، އާ ލިޔުންތަކަށް އާ ލިޔުންތެރިންނަށް ވާން ބޭނުން ކިޔުންތެރިންނަށް،"
ނައްޓު ވިދާޅުވީ ކިޔުންތެރިންގެ ލިޔުންތަކުގެ ތެރެއިން އެވަގުތަކު އެންމެ މުހިންމު އަދި އެންމެ މުނާސަބުކޮށް ލިޔެފައި ހުންނަ ފެންވަރު ހުރި ލިޔުންތަކަށް ސަން އޮންލައިންގެ ފުރަތަމަ ސަފުހާއިން ޖާގަދޭނެ ކަމަށާއި ކިޔުންތެރިން ފަސޭހަ ކަމާއެކު ލިޔެ، ދިވެހި ބަހަށް އަހުލުވެރިކުރުވުމަށް ދިވެހި ބަހުގެ ރަދީފާއި ދިވެހި ބަހުގެ މުހަވާރާތައް ވެސް ހިމަނާފައި ހުންނާނެ ކަމަށެވެ.
"މިއީ ސަން އޮންލައިންގެ ކިޔުންތެރިންގެ ތެރެއިން ލިޔުންތެރި ކަމުގެ އާ ޒަމާނެއް ގެނައުމުގެ ހިދުމަތަކަށް ވެގެންދާނެ. އަދި ގައުމާއި ދުނިޔޭގެ އެކި ކަންކަމުގެ މައްޗަށް ލިޔެވޭ އާ ހިޔާލުގެ ލައިބުރަރީއެއް އުފެދިގެންދާނެ،" ނައްޓު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ލިޔުންތައް ޓްވިޓާއާއި ފޭސްބުކް ފަދަ ސޯޝަލް ނެޓްވޯކްތަކަށް ގެންދެވޭ ގޮތަށާއި ކިޔުންތެރިން އަމިއްލައަށް ލިޔުންތައް ރޭޓްކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ ސަން "ކިޔުންތެރިން" މޮޑިއުލް ލިޔެ ކޯޑްކޮށްފައިވާ ސަންގެ ކްރިއޭޓިވް އެޑިޓަރު މުހައްމަދު އަފުޒަލް ވިދާޅުވީ މި ހިދުމަތަކީ ސަން އޮންލައިންގެ ތެރެއިން "ސޯޝަލް ބެކެއް" ގާއިމް ކުރަން އަޅާ ކުޑަކުޑަ ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމީ މަޑުމަޑުން ސަން އޮންލައިން ޑިވެލޮޕްކޮށް ފުރިހަމަ އޮންލައިން ނޫހަކަށް ހަދަން. ސަން ރީޑާސް އަށް އަދި އިތުރު އާ ފީޗާސްތައް އަޅުގަނޑުމެން ޕުޝް ކުރާނަން، އެކަމަކު މިއީ އަދި އެވަގުތެއް ނޫން. މީއީ އަޖުމަ ބަލައިލުމުގެ ވަގުތު، އެހެންވެ މިވަގުތަށް ޕުޝްކޮށްފައި ވަނީ މަދު މުހިންމު ފީޗާތަކެއް"
ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ ސަން އޮންލައިންގެ ރީޑާސް ސެކްޝަނަކީ ސަން އޮންލައިންގެ ކިޔުންތެރިންނާ އާންމު ރައްޔިތުން ފާޅުކުރާ ހިޔާލުތައް ގައުމީ ފެންވަރެއްގައި އުފުލައިދޭނެ އޮންލައިން ފާލަމެއް ކަމަށާއި މި ހިދުމަތަކީ ރަސްމީ ސިފަ ޖެހިގެން ފުޅާދާއިރާއެއްގައި ހިންގާ ދިވެހި އޮންލައިން ނޫހަކުން ކިޔުންތެރިންނަށް ދޭ މިފަދަ ފުރަތަމަ ފުރުސަތު ކަމަށެވެ. އަދި ވިދާޅުވީ ސަން އޮންލައިންގެ "ރީޑާސް" މުޅި މޮޑިއުލް، ސަންގެ ކްރިއޭޓިވް ޓީމުން ތައްޔާރުކޮށްދީފައި ވަނީ ކިޔުންތެރިންނާ ވަރަށް ވެސް ރައްޓެހިކޮށް ކަމަށެވެ.
"އަޅުގަނޑު އެދެން މި ފުރުސަތުގެ ބޭނުން ހިފައި ކިޔުންތެރިން ވީހާވެސް ބިނާ ކުރަނިވި ގޮތަކަށް މި ހިދުމަތުގެ ބޭނުން ހިފަމުން ދިއުމަށް، އަޅުގަނޑުމެން ވަރަށް އަވަހަށް މި މުޅި މޮޑިއުލްގެ ޑިޒައިންނާއި ކޯޑިން ނިންމައި ކިޔުންތެރިންނަށް އިތުރަށް ބޭނުންވާ ބައިތައް ވެސް މީގެ ތެރެއަށް އިތުރު ކޮށްދޭނަން." ސިނާން ވިދާޅުވި އެވެ.
ސަން ރީޑާސްގެ ސޮފްޓް ލޯންޗިންއާއެކު ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން މިހާރު ވެސް ވަނީ ރަޖިސްޓަރީވެފަ އެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ޒުވާނުންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި ފަންނާނުންނާއި ލިޔުންތެރިންނާއި ސިޔާސީ ދާއިރާގެ ބޭފުޅުން ހިމެނެ އެވެ.