01 Mar 2019, 19:07
ނޯވޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިއޭން ހާގެން މިމަހުގެ ދޭކުން ހަތަރަކަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ނޯވޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ބައްދަލު ކުރައްވާނެއެވެ.
ހާގެންގެ މި ދަތުރުފުޅުގައި ނޯވޭގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ބިޒްނަސް ޑެލިގޭޝަނެއްވެސް ބައިވެރިވާނެއެވެ.
މި ދަތުރުފުޅުގައި ހާގެން މިމަހުގެ ހަތަރުވަނަ ދުވަހު ތިލަފުއްޓަށް ޒިޔާރަތް ކުރައްވާނެއެވެ. މިދަތުރަކީ ވޭސްޓު މެނޭޖުމެންޓުގެ ކަންތައް ކުރިއަށް ދާގޮތާއި މޫދަށާއި ކަނޑަށް ކުނިއެޅުމުން ކުރިމަތިވާނެ ގެއްލުންތަކާމެދު މަޝްވަރާކުރެއްވުމަށް ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ކުރައްވާ ދަތުރުފުޅެކެވެ.
ހާގެން އާއި ޓީމުން ރާއްޖެ އާއި ނޯވޭއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދާއިރާތަކުގެ ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާ ކުރައްވާނެއެވެ. ހާއްސަކޮށް ކަނޑުތައް ބެލެހެއްޓުމާއި އިގްތިސޯދީ ކުރިއެރުން، ،މެރިން ޕޮލިއުޝަން އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.
ދެގައުމުގެ ދެމެދު އޮންނަ ބައިލެޓްރެލް ގުޅުން ވަރުގަދަކޮށް ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް މި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެއެވެ.
ހާގެންގެ ޓީމުން ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެން ވަޑައިގަންނަވާނީ ސްރީލަންކާ އަށެވެ.