މާލެއަށް ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މިއަދު 14:35 ހާއިރުކަމަށް ފުލުހުން ބުންޏެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ތިން ސައިކަލުގައި އަމީރުއަހުމަދު މަގު ސަރަހައްދުންނެވެ.

މި ފަސް މީހުންގެ އަތުން، ހަތަރު ދަބަހުން ޖުމްލަ 28 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ.

ފުލުހުން ބުނީ ތިން ސައިކަލެއްގައި ދިޔަ މި ފަސްމީހުންގެ ތެރެއިން އެއް ސައިކަލުގައި ތިބި ދެ މީހުން ހުއްޓުވީ ހޮޓެލް ޖެން ސަރަހައްދުން ކަމަށެވެ. އެ ސައިކަލު ބަލާ ފާސްކުރިއިރު ސައިކަލުގެ ފަހަތުގައި އިން މީހާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަހެއްގެ ތެރެއިން ހަތް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އަމީރުއަހުމަދު މަގާއި ސޯސަންމަގު ގުޅޭހިސާބު ކަންމަތިން ދެވަނަ ސައިކަލެއް ހުޓުވައި ބަލާ ފާސްކުރިއިރު އެ ސައިކަލުގެ ފަހަތުގައި އިން މީހާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަހެއްގެ ތެރެއިން ހަތް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އަމީރު އަހުމަދު މަގުގައި ހުންނަ މޯލްޑިވްސް ކޮމާޝަލް ބޭންކު ސަރަހައްދުން ތިން ވަނަ ސައިކަލެއް ހުއްޓުވި ވަގުތު އެ ސައިކަލިގެ ފަހަތުގައި އިން މީހާގެ އަތުގައި އޮތް ދެ ދަބަހެއް މަގުމައްޗަށް އެއްލާލުމަށްފަހު ފިލަން މަސައްކަތް ކުރަނިކޮށް އަތުލައިގަނެފައިވާ ކަމަށާއި މި ސައިކަލު ދުއްވަން އިން މީހާ ފިލާފައިވާކަމަށް ފުލުހުން ބުންޏެވެ. އެ ސައިކަލުގެ ފަހަތުގައި އިން މީހާ މަގުމައްޗަށް ވައްޓާލި ދެ ދަބަސް ބަލާ ފާސްކުރިއިރު ކޮންމެ ދަބަހެއްގައި ހަތް ފުޅި ބަނގުރާ އޮތް ކަމަށާއި އޭގެ ތެރެއިން ދެ ފުޅި އޮތީ ތެޅިފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުންދަށުގެ ކުއްޖަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ދެ ފިރިހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ.