04 Mar 2019, 09:47
އެންމެން އެއްބަސްވާ އެއްކަމެއް އޮވެ އެވެ. ފަރުތަކާއި ކުޅިތައް އެއީ ހަލާކުކޮށް ނުލާ ހިމާޔަތްކުރަން ޖެހޭ ތަންތަނެވެ. އެތަންތަން ގުޅިފައި ވަނީ ޖަޒީރާ މި ރާއްޖޭގެ ދިރިހުރުމާ އެވެ. އަދި ކަނޑުއަޑީގެ ދިރުންތަކާއި ދޫނިސޫފާސޫތްޕަށް އެތަންތަން ވަރަށް ވެސް މުހިންމެވެ. އެތަކެތީގެ ދިރިހުރުމާއި ކާނާއާ އެ ތަންތަން ވަނީ ގުޅިލާމެހިފަ އެވެ.
ހަމަ އެ ގޮތަށް ކަނޑުއަޑީގެ އެތަކެއް ދިރުންތަކަކަށް މުހިންމު އެއްޗަކާ މެދު އެތައް ބަޔަކު އަންނަނީ އިހުމާލުވަމުންނެވެ. އެކަން ކުރަނީ މޫދު "ސާފުކޮށް ރީތި ކުރުމުގެ" ނަމުގަ އެވެ.
ސީ ގްރާސް ނުވަތަ މޫދުވިނައަކީ ބަލާލަން ހުތުރު އެއްޗެއް ކަމަށް ގިނަ ރިސޯޓުތަކުންނާއި މީހުންވެސް ދެކެ އެވެ. އެގޮތް ގަބޫލުކޮށް، ރިސޯޓުގެ ފަޅުތެރެއިން މޫދުވިނަ ނޮޅައި، "ސާފު"ކުރެ އެވެ.
މޫދުވިނައަކީ ކަނޑުގެ ދިރުންތަކަށް ކިހާ މުހިންމު އެއްޗެއްކަން އެނގޭ ހެއްޔެވެ؟ ކަނޑުގައި އުފެދޭ ވިނައަކީ ގިނަ ދިރުންތަކަކާ ގުޅިފައިވާ އެއްޗެކެވެ. ވެލަ އާއި މަޑި އަދި މިޔަރު ފަދަ ދިރުންތަކާ މޫދު ވިނަ ގުޅިފައިވެ އެވެ.
The time to act is now.#ProtectMaldivesSeagrassRegister your support athttps://t.co/LRrlvjNmunpic.twitter.com/bFeQxGHj2y
— Maldives Underwater Initiative (@MUInitiative)March 2, 2019
ކޮންމެ އަހަރެއްގެ މާޗު މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މޫދުވިނައިގެ ދުވަހެވެ: ވޯލްޑް ސީ ގްރާސް ޑޭ އެވެ.
ރާއްޖޭގައި މޫދުވިނަ ނޮޅުމުގެ އާދަ ހުއްޓުވުމަށް ކެމްޕޭނެއް، ސިކްސް ސެންސެސް ލާމު ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓުންގެ ޓީމު "މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް"އާއި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރަން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޗެރިޓީ "ބްލޫ މެރިން ފައުންޑޭޝަން" ގުޅިގެން މި އަހަރުގެ ސީ ގްރާސް ޑޭގައި އިފްތިތާހު ކުރި އެވެ.
"ޕްރޮޓެކްޓް މޯލްޑިވްސް ސީ ގްރާސް" ނުވަތަ ރާއްޖޭގައި މޫދުވިނަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ގޮވާލާ މި ކެމްޕޭނުގެ މަގުސަދަކީ މޫދުވިނައިގެ މުހިންމުކަން ހާމަކޮށްދިނުމެވެ. އަދި ރިސޯޓުތައް ހުންނަ ރަށްރަށުން މޫދުވިނަ ނޮޅުން ހުއްޓާލުމަށް ބާރު އެޅުމަކީ ވެސް އެ ކެމްޕޭނުގެ މަގުސަދެކެވެ.
ރާއްޖޭގެ ރަށެއްގެ ކައިރީގައި މޫދުވިނަ -- ފޮޓޯ/ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް
މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވްގެ ކޮމިއުނިކޭޝަންސް ކޯޑިނޭޓާ އަދި ސިކްސް ސެންސެސް ލާމު ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓް އެންޑްރޫ ބޯލް ބުނި ގޮތުގައި، އެ ޓީމުން 49 ރިސޯޓެއްގެ ސާވޭއެއް ހެދި އިރު، އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި ރިސޯޓުތަކުން ވަނީ މޫދުވިނަ ނޮޅާކަމަށް އެއްބަސްވެފަ އެވެ.
"އެ ރިސޯޓުތަކުން ބުނާ ގޮތުން މޫދުވިނަ ނޮޅަނީ މޫދުވިނަ ހުރުމުން ފަތުރުވެރިންނަށް މޫދުވިނަ ހަޑިވެދާނެތީ. 49 ރިސޯޓު ހިމަނައިގެން ހިންގި ސާވޭއެއްގެ ދެބައިކުޅަ އެއްބައި ތަންތަނުން ބުނީ އެހެން،" އެންޑްރޫ ބުންޏެވެ.
މޫދުވިނައަކީ ބަލާލަން ހަޑި އެއްޗެއް ކަމުގައި ފަތުރުވެރިން ބުނެފާނެ ކަމަށްޓަކައި އެ ނޮޅައި ހެދި ނަމަވެސް، އެންޑްރޫ ބުނި ގޮތުގައި އޭނާ މަސައްކަތްކުރާ ސިކްސް ސެންސެސް ލާމުގައި މޫދުވިނައިގެ ސަބަބުން ފަތުރުވެރިން އެތަނަށް އިތުރަށް ހިތް ޖެހެނީ އެވެ.

ރާއްޖޭގެ ރަށެއްގެ ކައިރީގައި މޫދުވިނަ -- ފޮޓޯ/ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް
"އަހަރެމެންގެ ރިސޯޓުގައި ވޯޓާ ވިލާއެއްގައި އުޅޭ ފަތުރުވެރިންތަކެއް ކުރީ ދުވަހަކު ބުނި އެމީހުންގެ ވިލާއާ ދިމާލުން މޫދުވިނަ އޮތް ހިސާބަކުން ވެލައެއް ފެނުނު ވާހަކަ. ފަތުރުވެރިން މި އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ މަންޒަރުތައް ބަލާލަން. ވެލާ ފަދަ ދިރުންތައް ފެނުމުން އެމީހުން ރާއްޖެ އައުމުގެ މަގްސަދު އެބަ ހާސިލުވޭ،" އެންޑްރޫ ފާހަގަކުރި އެވެ.
"މިއީ އަހަރެމެން ކުރާ މަސައްކަތަކީ. އަހަރެމެން ރިސޯޓަށް އަންނަ ފަތުރުވެރިންނަށް މި ވާހަކަތައް ކިޔައިދީ އެމީހުން ހޭލުންތެރިކުރުވަން. އަހަރެމެންގެ ގެސްޓުންނަށް މޫދުވިނަ ހަޑިވެގެން ނޫޅޭ. މޫދުވިނަ އޮންނާތީ އެތަނަށް އަންނަ ދިރުންތަކާއި ފުރިހަމަކަމުގެ ސަބަބުން އެމީހުން އުފާވެ، ހިތްހަމަޖެހޭ،"
Seagrass is not always a welcome sight on 5* beaches but we work hard, alongside others to educate guests & celebrate#seagrass
'In the end, we will conserve only what we love; we will love only what we understand and we will understand only what we are taught.'#WorldSeagrassDaypic.twitter.com/gSh71DXKok— WiseOceans (@WiseOceans)March 1, 2019
ވަށައިގެންވާ މޫދުވިނަ ހިމާޔަތްކޮށްފައިވާ ލ. އޮޅުވެލީގައި ހިންގާ ސިކްސް ސެންސެސް ލާމު ރިސޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދާ ހަމައަށް އެ ރަށުގެ މޫދުން 107 ވެލާ (ގްރީން ޓާޓްލް) އަދި 93 ކަހަނބު (ހޮކްސްބިލް ޓާޓްލް) ފެނިފައިވެ އެވެ.
"އެހެންކަމުން މޫދުވިނަ އޮތުމަކީ ލ. އަތޮޅުގެ ވެލާ ކަހަނބުގެ އާބާދީ ދެމެހެއްޓުމަށް މުހިންމު ކަމެއް،" އެ ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
މޫދުވިނަ މުހިންމު ވަނީ، ހަމައެކަނި ވެލާ ކަހަނބަކަށް ނޫނެވެ. މަސްމަހާމެއްސަށް ވެސް މިއީ މުހިންމު ކާނާ އެކެވެ. ކުދި މަސް ހެދި ބޮޑުވުމަށް ރައްކާތެރި މާހައުލެއް ހޯދައިދެނީ މޫދު ވިނަ އެވެ.
#Seagrassmeadow at N. Kendhikulhudhoo. Several species of juvenile fish including snappers, emperor's and parrotfish was seen here. True value of such places as nursery habitats is underestimatedpic.twitter.com/wHqo9Czuxi
— Azim Musthag (@zimswp)February 25, 2019
މީގެ އިތުރުން ވައިގެ ތެރޭގައި ހިމެނޭ ކާބަންޑައިއޮކްސައިޑަކީ ކަނޑުގެ ތެރެއަށްވެސް ވަދެގެންދާ އެއްޗަކަށް ވާ އިރު، މޫދުވިނައަކީ މިތަކެތި އެބްސޯބްކޮށް، އަދި އޮކްސިޖަން ދޫކުރާ ވަސީލަތެކެވެ. އެއްގަމުގައި ގަސްގަހާގެހި މަސައްކަތްކުރާ ބީދައިންނެވެ. އެއް ހެކްޓަރުގެ މޫދުވިނައަށް ދުވާލެއްގެ މައްޗަށް 100،000 ލީޓަރުގެ އޮކްސިޖަން އުފެއްދެއެވެ.
ހަމަ އެއާއެކު ރަށުގެ ގޮނޑުދޮށުގެ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކޮށް، ރަށް ގިރުމުން ރައްކާކޮށްދެއެވެ.
#Seagrassand#mangroveecosystems are often found together, and mangroves help seagrasses by trapping sediment that could smother them. Taking an intergrated approach to conserving both coastal ecosystems is good for wildlife, people, and the planet ????????????#WorldSeagrassDayhttps://t.co/37NHjBRNa2
— Global Mangrove Alliance (@Mangroves)March 1, 2019
ރާއްޖޭގައި މޫދުވިނަ ނޮޅުމުގެ ކަންކަން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް ސިކްސް ސެންސެސް ލާމުއިން އިސްނަގައިގެން ކެމްޕޭނެއް ފެށީ، އެ ރިސޯޓުގެ މޫދުވިނަ ރައްކާތެރިކުރުމަށް 2017 ވަނަ އަހަރު އެ ރިސޯޓުން އިސްނަގައިގެން ވީ ވައުދެއްގެ ދަށުންނެވެ. މިހާރު އެ ރިސޯޓްގެ އަމާޒކީ އެހެން ރިސޯޓުތަކުންވެސް ހަމަ މި ވައުދުވުމެވެ. އަދި ކައިރީގައި މޫދުވިނަ "ދަނޑުތައް" އޮންނަ ރިސޯޓުތަކުން އެތަކެތި ނޮޅުމުގެ ބަދަލުގައި، މަދުވެގެން އޭގެ 80 ޕަސަންޓު ހަލާކުކޮށް ނުލައި ބެހެއްޓުމަށް މަސައްކަތް ކުރުމަކީ މިހާރު އެ ރިސޯޓްގެ އަމާޒެކެވެ.
ސިކްސް ސެންސެސް ލާމު ރިސޯޓުން މި ކެމްޕޭން ފެށީ އިތުރު 11 ރިސޯޓާއެކު އެވެ. އެ ރިސޯޓްތަކަކީ؛ އަނަންތާރާ ދިގު، އަނަންތާރާ ވެލި، ނަލަދޫ ޕްރައިވެޓް އައިލެންޑް، ގިލި ލަންކަންފުށި، އެއްލައިދޫ ބައި ސިނަމަން، ކުރުނބާ މޯލްޑިވްސް، ހުވަފެންފުށި، ސޮނޭވާ ފުއްޓާއި ސޮނޭވާ ޖާނީ، ރީތި ފަރު ރިސޯޓް އަދި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓެވެ.
މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާތަކާއި ޖަމާއަތްތަކުންވެސް މި ކެމްޕޭނާ މިހާރު ވަނީ ގުޅިފަ އެވެ.
ރާއްޖޭގެ ރަށެއްގެ ކައިރީގައި މޫދުވިނަ -- ފޮޓޯ/ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް
މަގުސަދަކީ ކަމުގެ މުހިންމުކަން ބުނެދީ، މި ވާހަކަތައް މީހުންގެ މެދުގައި ދެއްކުމަށް މަގުފަހިކުރުމެވެ. އިތުރު ރިސޯޓުތަކާއި ޖަމިއްޔާތަކާއި އެކްޓިވިސްޓުންނާއި އާންމު ރައްޔިތުން މިކަމަށް ހޭލުންތެރި ކުރުވުމަށް އެ ރިސޯޓުން ވަނީ އަތުކުރި އޮޅާލައިފަ އެވެ.
މި މަސައްކަތުގައި އިސްނެގި ސިކްސް ސެންސެސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާޓީން ވޮން ވެލްސް ވިދާޅުވީ ރިސޯޓަކަށް ހަމައެކަނި އެ ރިސޯޓެއްގެ ކައިރިން ތިމާވެއްޓާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަކީ ފަސޭހަކަމެއް ނަމަވެސް، ސިކްސް ސެންސެސް ލާމުން ބޭނުންވަނީ ގިނަ ބަޔަކު އެކުގައި މަސައްކަތްކޮށް ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށެވެ.
"ބޭނުންވަނީ ތިމާވެއްޓާ މެދު ވިސްނާ ގިނަ ރިސޯޓުތަކެއް ގުޅި، ވަރުގަދަވާން. މޫދުވިނަ ނޫނަސް އެހެނިހެން ކަންކަމުގައިވެސް. މިފަދަ ޕާޓްނަޝިޕްތަކުގެ ސަބަބުން ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ކުރާނެ ދެމެހެއްޓެނިވި ގޮތްތަކަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ވެސް އިތުރު ހިތްވަރެއް ލިބިގެން ދާނެ،" މާޓިން ވިދާޅުވި އެވެ.