01 Mar 2019, 14:31
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަޜޭޝަން (އޯއައިސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔުއޭއީގެ އަބޫ ދާބީއަށް ރޭ ވަޑައިގެންފި އެވެ.
މިއީ އެ އޯގަނައިޒޭޝަންއިން ބާއްވާ 46 ވަނަ ބައްދަލުވުމެވެ.
ޝާހިދުއަށް އަބޫދާބީން މަރުހަބާ ދެންނެވީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް އަދި އެމްބަސީގެ ބޭފުޅުންނެވެ.
އޯއިސީގެ އެ ބައްދަލުވުމުގައި، އިސްލާމީ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކޭ ބެހޭ ގޮތުން ރާއްޖޭގެ ވިސްނުން ހުރި ގޮތާއި އަދި ޑިމޮކްރެޓިކް އަދި ސިޔާސީ ގޮތުން ރާއްޖެ ހާސިލްކޮށްފައިވާ ކަންކަމަށް ޝާހިދުގެ ތަގުރީރުގައި އަލިއަޅުވާލައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޖާވީދު ފައިޒަލް އަދި އެ މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރާއްޖެ އިން އޯއައިސީގެ މެމްބަރަކަށްވީ 1976 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން އެޖަމިއްޔާގެ އެކި ހަރަކާތްތަކުގައި ރާއްޖެއިން ދަނީ ބައިވެރިވަމުންނެވެ. މުސްލިމު ގައުމުތަކުގެ މައްޗަށް އެކުލެވިގެންވާ އެ ޖަމާއަތުގައި މިވަގުތު 57 ގައުމު ހިމެނެ އެވެ.