ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން، އަމިއްލަ ނަފްސަށާއި އެކުގައި އުޅޭ އެތައް ބައެއްގެ ސިއްހަތައް ގެއްލުން ލިބި، ތިމާގެ އަނބިދަރިން ދޫކޮށް ދުނިޔެއާއި ވަކިވާން ޖެހިދޭ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުން އިއްވާފައިވާ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ، "ދުންފަތަކީ ހިމޭން ގާތިލެއް" މި މައުޟޫގެ މައްޗަށެވެ.

ހުތުބާގައި ބުނީ، އިންސާނިއްޔަތު ދެކެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާއަކީ ހަށިގަނޑަށް ގެއްލުން ހުރި ދުންފަތުގެ އެކި ބާވަތްތައް ކަަމަށެވެ. އެއީ މުޅި ދުނިޔެއަށް ފެތުރިފައިވާ، ބަލިމަޑުކަމެއް ކަމަށާއި އޭގެ ސަބަބުން އިންސާނުންގެ ފުރާނައާއި ގިނަ ގުނަ މުދާ ފާނާ ކުރަމުންދާ ކަމަށް ހުތުބާގައި ބުންޏެވެ.

"ފުއްޕާމެޔާއި. އަނގަޔާއި، ދުލާއި، ރަހިމާއި، ގޮހޮރުގެ ކެންސަރު ފަދަ ބަލިތައް ޖައްސާ ނުރައްކާތެރި ވަބާއެއް. މުޅި އުމުރަށް މީހާ ނުކުޅެދުންތެރިއަކަށް ހަދާލާ ބިރުވެރި ވަބާއެއް" ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތައް ހުރި ގެއްލުން ފާހަގަކޮށް ހުތުބާގައި ބުންޏެވެ.

"އޭގެ ޝިކާރައަކަށް ވުމުގެ ނަތީއްޖާއެއްގެ ގޮތުން އަމިއްލަ ނަފްސަށާއި އެކުގައި އުޅޭ އެތައް ބައެއްގެ ސިއްހަތައް ގެއްލުން ލިބި، އެންމެ ފަހުން، ލޯބިވާ އަނބިދަރިންނާއި ގެދޮރާއި މުދާ ދޫކޮށް، ދުނިޔޭއާ ވަކިވާން ޖެހިދޭ،"

ހުތުބާގައި ބުނީ އެ ވަބާގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ސިނގިރޭޓު ކަމަށާއި ސިގިރޭޓު ރޯކޮށް އަނދައި އަޅިއަށް ވާ މިސާލުން ސިނގިރޭޓު ބޯ މީހެއްގެ ފައިސާވެސް އަނދައި ހުލިވާން ފަށާ ކަމަށެވެ. އަދި އޭގެ ސަބަބުން، ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއްގެ "އަސީރަކަށް"ވެ، ދުނިޔެއާ ވަކިވާން ޖެހިދޭ ކަމަށެވެ.

ދުންފަތަކީ އިންސާނާގެ ނަފްސުގެ ހިމޭން ގާތިލެއްކަން، ހަމަ ބުއްދި ކޮންމެ މީހަކުމެ އެއްބަސްވާނެ،" ހުތުބާ

ސިނގިރޭޓު ފަދަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ބާވަތްތަކަކީ ނިކޮޓިން ފަދަ ވިހަ މާއްދާތައް ހިމެނޭ ތަކެއްޗަށް ވާއިރު، އެފަދަ ސިއްހަތައް ގެއްލުން ލިބޭ ތަކެތި ބޭނުންކޮށް އަމިއްލަ ނަފްސު ހަލާކުގެ ތެރެެއަށް އެއްލާލުމަކީ، އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ހުތުބާގައި ބުންނެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ގެއްލުން ލިބެނީ ގިނަ ދުވަހުން ކަމަށް ވީނަމަވެސް، އެ އެއްޗެއް ބޭނުން ކުރުމުން ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއް ބޭނުން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، މިއަދު ރާއްޖޭގައި އެންމެ ހައްގު އުމުރުފުރައިން ފެށިގެން ދޮށީ އުމުރުފުރައިގެ މީހުންނަށް ދާންދެން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، މޮޅު ކަމެއް ކަމުގައި އަދި ރިތި އާދަ އެއް ކަމުގައި އެ ބޭނުން ކުރާ ގިނަ މީހުން ދެކޭ ކަމަށެވެ. އޭގެ އަވައިގައި ޖެހި ދެވިހިފައިފައި ވަނީ، ހަމަ އެކަނި ނުވިސްނޭ މީހުން އެކަނި ނޫން ކަމަށާއި ވިސްނުންހުރި، ތަންދޮރު ދަންނަ، ކިޔަވައިގެން ތިބި މީހުންވެސް އޭގެ ތެރޭގައި ހިމެނޭ ކަމީ، ހިތާމަ ހުރި ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، އަމިއްލަ ނަފުސަށް ދެވޭ ގެއްލުމެއްކަން ކަށަވަރު. ދުނިޔޭގެ ސިއްހަތާބެހޭ އެންމެ ބޮޑު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިންނާއި ސިއްހީ ޑޮކްޓަރުން އެކަން ސާބިތު ކޮށްދޭ. އަދި ދުންފަތަކީ އިންސާނާގެ ނަފްސުގެ ހިމޭން ގާތިލެއްކަން، ހަމަ ބުއްދި ހުރި ކޮންމެ މީހަކުމެ އެއްބަސްވާނެ،"

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ދުންފަތުގެ ސަބަބުން އަހަރެއްގެ މައްޗަށް ހަތް މިލިއަނަށް ވުރެ ގިނަ މީހުން މަރުވެއެވެ. އޭގެ ތެރޭގައު، ހަ މިލިއަނަށް ވުރެ ގިނަ މީހުން މަރުވަނީ ސީދާ ދުންފަތުގެ އިސްތިއުމާލުކޮށްގެނެވެ.