ތިރީސް ކިލޯ މީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވާއިރު ހެލްމެޓް އެޅުން މަޖުބޫރުކޮށް ހެލްމެޓްގައި ހުންނަ ޖެހޭ ޝަރުތުތައް ހާމަކޮށްފި އެވެ.

ޓްރާސްންޕޯޓު މިނިސްޓްރީން ވަނީ އިއްޔެ 30 މީޓަރަށް ވުރެ ބާރަށް ދުއްވާ ސަރަހައްދުގައި ހެލްމެޓް އެޅުމަށް މަޖުބޫރުކޮށް، އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދަށް އެއް ވަނަ އިސްލާހު ގެެނެސް އެ ގަވާއިދު ގެޒެޓްކޮށްފި އެވެ.

އެ ގަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހު 10 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނީ، އެޕްރީލް މަހުގެ އެއްވަ ދުވަހުން ފެށިގެންނެވެ.

މި ގަވައިދުގައި ވަނީ، ހެލްމެޓްގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް ކަނޑައަޅައިފަ އެވެ.

ހެލްމެޓްގައި ކަނޑައަޅާފައިވާ ޝަރުތުތައް:

1. A1 އާއި A0 ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު ދުއްވާއިރު ބޭނުންކުރުމަށް ޚާއްޞަކޮށްފައިވާ އަދި ބޭނުންކުރާ ފަރާތުގެ ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ވުން؛

2. ހެލްމެޓް ބޭނުންކުރާ ފަރާތުގެ ދަތްދޮޅި ދަށުން ހަރުކުރެވޭ ގޮތަށް އެކަމަށް ހާއްސަ ކަމަރެއް ހަރުކޮށްފައިވާ ހެލްމެޓަކަށް ވުން؛

3. ހެލްމެޓް ހަރުކުރުމަށް ދަތްދޮޅި ދަށުން ލައިފައިވާ ކަމަރަކީ އެކަތިގަނޑަކަށް (ސިންގަލް ޔުނިޓަކަށް) ހުންނަ ކަމަރަކަށް ވުމާއެކު، އެ ހެލްމެޓުގައި އަދި އެ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ނުވަތަ އެހެންވެސް އެއްޗެއް ހަރުކޮށްފައި ނެތުން؛

4. ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުމާ އެކު، ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކްރީނަކީ މޫނު ފެންނަ ފަދަ މެޓީރިއަލެއް ހުރި ހެލްމެޓަކަށް ވުން؛

5. ހެލްމެޓުގެ ކުލައަކީ، ލޮލަށް އުނދަގޫ ނުވާނެ ފަދަ ކުލައަކަށް ވުން؛

6. ފެކްޓަރީން ހެލްމެޓުގައި ލައިފައިވާ ކުލަނޫން ކުލައެއް ނުވަތަ ސޯލްވެންޓެއް ހެލްމެޓު ގައި ލައިފައި ނުވުން؛

7. ހެލްމެޓު އެޅުމުގެ ސަބަބުން، ހެލްމެޓް ބޭނުންކުރާ ފަރާތަކީ ކާކުކަން އެހެން މީހުންނަށް ނޭނގޭ ގޮތަށް ނުވަތަ އޮޅޭ ގޮތަށް ހެލްމެޓް އަޅާފައިވާ ފަރާތުގެ މޫނު ނުވަތަ މޫނުގެ ބައެއް ނުފޮރުވޭ ހެލްމެޓެއް ކަމުގައި ވުން؛

އެ ގަވާއިދުގައި ބުނާ ގޮތުން، އެއްގަމު އުޅަނދު ދުއްވުމަށް މި ގަވާއިދުގައި ކަނޑައަޅާ ދުވެއްޔަށްވުރެ ބާރަށް، އުޅަނދު ދުއްވި މީހާ، ފުރަތަމަ ފަހަރަށް ނަމަ، 500 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ބުނެފަ އެވެ. އަދި ދެވަނަ ފަހަރަށް ނަމަ، 750 ރުފިޔާ އިން ޖޫރިމަނާކުރުން އަދި ދެވަނަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ގަވައިދުގައި ބުނެ އެވެ.

އެ ގަވާއިދުގައި ވަކި ކަމަކާ ޚިލާފަށް ޢަމަލުކުރާ ފަރާތަކާ މެދު އެޅޭނެ ފިޔަވަޅު ކަނޑައެޅިފައި ނުވާ ކޮންމެ ކަމެއްގައި، ގަވާއިދާ ޚިލާފުވި ފަރާތް 750 ރުފިޔާއިން ޖޫރިމަނާކުރުނާ ކުމަށް ގަވައިދުގައި ބުނެ އެވެ.

އެހެން ކަމުން ހެލްމެޓް އެޅުމަށް މަޖުބޫރުކޮށްފައިވާ ސަރައްދުގައި ހެލްމެޓް ނާޅާ ނަމަ 750 ރުފިޔާ އަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ހެލްމެޓްގައި ހުންނަ ޖެހޭ ޝަރުތު ފުރިހަމަ ނުވާ ނަމަވެސް ޖުރިމަނާ ކުރާ އަދަދަކީ 750 ރުފިޔާ އެވެ.