01 Mar 2019, 10:56
ހެލްމެޓް އަޅަން މަޖުބޫރުކުރާ ސަރަހައްދުގައި ހެލްމެޓް ނާޅާ ނަމަ ފިޔަވަޅު އެޅުން އަންނަ އެޕްރީލް މަހަށް ފަސްކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިދިޔަ ޖެނުއަރީ މަހު ވިދާޅުވީ، ބުރިޖު ހުރަސް ކުރާ އިރު ހެލްމެޓް އެޅުން މާޗު މަހު 10 ވަނަ ދުވަހުން ފެށިގެން މަޖުބޫރު ކުރާނެ ކަމަށާއި ހެލްމެޓް ނާޅާ ނަމަ ފިޔަވަޅު އަޅަން ފަށާނެ ކަމަށެވެ.
އިއްޔެ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދުގެ އެއް ވަނަ އިސްލާހު ގެެނެސް އެ ގަވާއިދު ގެޒެޓްކޮށްފި އެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުން، ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މާޗު 10 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނީ، އެޕްރީލް މަހުގެ އެއްވަ ދުވަހުން ފެށިގެންނެވެ.
ގަވައިދުގައި ބުނެފައި ވަނީ، 30 ކިލޯ މީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވަން ވާނީ ހެލްމެޓް އަޅައިގެން ކަމަށެވެ. ދުއްވާ މީހާ ވެސް އަދި ދުއްވާ މީހާގެ ފަހަތުގައި އިންނަ މީހާ ވެސް އިންނަން ވާނީ ހެލްމެޓް އަޅައިގެން ކަމަށް ގަވައިދުގައި ބުނެ އެވެ.
މާލެ ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބުރިޖު މަތީގައި ދުއްވޭނީ ގަޑިއަކު 25 ކިލޯ މީޓަރާއި 40 ކިލޯ މީޓަރުގެ ބާރު މިނުގަ އެވެ. އެހެން ކަމުން މި ގަވާއިދަށް ގެނައި އިސްލާހާ އެ ސަރަހައްދުގައި ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން، އެއްގަމު އުޅަނދު ދުއްވުމަށް މި ގަވާއިދުގައި ކަނޑައަޅާ ދުވެއްޔަށްވުރެ ބާރަށް، އުޅަނދު ދުއްވި މީހާ، ފުރަތަމަ ފަހަރަށް ނަމަ، 500 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ބުނެފަ އެވެ. އަދި ދެވަނަ ފަހަރަށް ނަމަ، 750 ރުފިޔާ އިން ޖޫރިމަނާކުރުން އަދި ދެވަނަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ގަވައިދުގައި ބުނެ އެވެ.
އެ ގަވާއިދުގައި ވަކި ކަމަކާ ޚިލާފަށް ޢަމަލުކުރާ ފަރާތަކާ މެދު އެޅޭނެ ފިޔަވަޅު ކަނޑައެޅިފައި ނުވާ ކޮންމެ ކަމެއްގައި، ގަވާއިދާ ޚިލާފުވި ފަރާތް 750 ރުފިޔާއިން ޖޫރިމަނާކުރުނާ ކުމަށް ގަވައިދުގައި ބުނެ އެވެ.
އެހެން ކަމުން ހެލްމެޓް އެޅުމަށް މަޖުބޫރުކޮށްފައިވާ ސަރައްދުގައި ހެލްމެޓް ނާޅާ ނަމަ 750 ރުފިޔާ އަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ހެލްމެޓްގައި ހުންނަ ޖެހޭ ޝަރުތު ފުރިހަމަ ނުވާ ނަމަވެސް ޖުރިމަނާ ކުރާ އަދަދަކީ 750 ރުފިޔާ އެވެ.
އެ ގަވައިދުގައި ބުނާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެ ނަމަ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ބަދަލު ދިނުމުގެ އިތުރުން އެ އުޅަނދެއް ދުއްވި މީހާގެ ލައިސަންސް 10 އަހަރަށް ހިފެހެއްޓޭނެ އެވެ.
އަދި ހަމަ އެފަދަ ހާލަތެއްގައި މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި، ލިބުނު ގެއްލުމުގެ ބަދަލު ދިނުން ލާޒިމްކުރާ ފަދަ ހާލަތަކާ ކުރިމަތިވެއްޖެ ނަމަ، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލު ދިނުމާ އެކު، ފަސް އަހަރު ދުވަހުގެ މުއްދަތަށް ލައިސެންސް ހިފެހެއްޓިދާނެ ކަމަށް ގަވައިދުގައި ބުނެ އެވެ.