މި އަހަރުގެ މާޗް 17 ވަނަ ދުވަހުގެ ފަތިހު މާލޭގައި ހިންގި ގުރޫޕް މާރާމާރީގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރު )ބަކްސީ( 21، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ގ. ކޯޒީ އިބުރާހިމް ޝަހުމް އާދަމް ފިލުވިކަމަށް ބުނެ ލ. މާވަށު، އެވަބްލޫ މުހައްމަދު ވިސާމުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އާއި ގުޅިގެން ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ ދެ މީހެއްގެ މައުލޫމާތު ހެކީގެ ޒާތަށް ބައްލަވައި ސިއްރު ނުކުރެވި ހާމަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މިހެން ވިދާޅުވީ މިއަދު ބޭއްވެވި ޝަރީއަތުގެ މަޖިލީސް ނިންމަވައިލައްވަމުންނެވެ.

"ހެކީގެ ޒާތުން ސިއްރު ނުކުރެވި ހާމަވުމަކީ އެކަށީގެންވާ ކަމެއް،" ގާޒީ ވިދާޅުވިއެވެ.

އަހުސަންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ނުރައްކާތެރި ކުއްވެރިޔާ ޝަހުމް ފިލުވި ކަމަށް ބުނެ ނުރައްކާތެރި ކުއްވެރިޔާ ވިޝާމްގެ އިތުރުން ދައުވާކޮށްފައިވަނީ މއ. ސީނަރީވިޔު އާތިފް ރަޝީދާއި މއ. ވޮއްކޮޅުގެއާގެ މުހައްމަދު ނާޒިމް އަދި މއ. ގިރި، މުހައްމަދު ހަސަނެވެ.

މި ހަތަރު މީހުންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ މާރާމާރީގައި އަހުސަން މަރާލުމަށްފަހު ލޯންޗެއްގައި ޝަހުމް މ. ކޮޅުފުއްޓާ ދިމާލުން ހުޅަނގަށް އޮންނަ ކުރެލި ނަމަކަށްކިޔާ ފަޅުރަށަކަށް ގެންގޮސް ފިލުވި މައްސަލައިގައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ޝަހުމް އާއި އަނެއް ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އެ ފަޅުރަށުގައި ތިއްބާ ކަމަށެވެ.

މި މައްސަލައިގައި ވަކީލުން އައްޔަންކޮށްފައިވަނީ ތިން މީހުންނެވެ. އެއީ ވިސާމް އާއި އާތިފާއި މުހައްމަދު ހަސަނެވެ. ނާޒިމް ވަކީލަކު އައްޔަންކޮށްފައިނުވެއެވެ.

މިއަދުގެ ޝަރީއަތުގައި މުހައްމަދު ހަސަންގެ ވަކީލު އަލީ ޝާހު ވިދާޅުވީ ޝަހުމަކީ ކުށެއްގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ މީހެއްކަމަށް ފުލުހުން އާންމުކޮށް އިއުލާން ކޮށްފައި ނުވާކަމަށެވެ.

އަދި ކުށެއްގެ ތުހުމަތުގައި ޝަހުމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އާންމުކޮށް އިއުލާންކޮށްފައިވާ ކަމުގެ އެއްވެސް ލިޔުމެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ.

ވިސާމާއި އާތިފްގެ ވަކީލް ޝަހީމް އަހުމަދު ވިދާޅުވީ އެ ރަށް ބަލަހައްޓާ މީހާކަމަށްވާ މުހައްމަދު ހަސަން އާތިފް އެރަށަށް ދިޔުމަށް ހުއްދަ ދީފައިވާކަމަށާއި އެއީ ކުށެއްކަން އަންގައިދޭ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ތަހުގީގަށް ހައްޔަރުކުރަންޖެހޭ ބަޔަކު ހައްޔަރު ކުރުމުގެ ކުރިން އާންމުކޮށް އިއުލާން ކުރަންޖެހޭކަމަށް ފުލހުންގެ ގާނޫނުގައި ބަޔާންކޮށްފައި ނުވާތީ އެފަދަ ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
އަދި ޝަހުމް ފިލުވުމަށް ވިސާމާއި އަނެއް ތިން މީހުން މ. ކޮޅުފުއްޓާ ދިމާލުން ހުޅަނގަށް އޮންނަ ކުރެލި ނަމަކަށް ކިޔާ ރަށަށް ގެންދިޔަކަމަށް ތަހުގީގަށް ހެކިބަސް ދިން މީހުންގެ ހެކިބަހުން އެނގޭކަމަށެވެ.