ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ފަނޑިޔާރުގެ އަޣުލަބިއްޔަތު އޮންނަން ޖެހޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ހެންވޭރު އުތުރުގެ ރައްޔިތުންނާ ރޭ ބައްދަލު ކުރައްވައި އަލްހާން ވިދާޅުވީ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުން ފެށިގެން ދެން އުފެދުނު ހުރިހާ ސަރުކާރުތަކުން ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އަލްހާން ވިދާޅުވީ އެކި ސަރުކާރުތަކުން ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވަނީ އެކި ގޮތަށް ކަމަށެވެ.

ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ވަންނަ އެންމެ މައިގަނޑު ސަބަބަކީ ޖޭއެސްސީގައި ސިޔާސީ ފަރާތްތަކަށް މެޖޯރިޓީ އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާ ބަލަން މި ތިބެނީ ސިޔާސީ މީހުންނާއި ފަނޑިޔާރުންނާ. އެއީ ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް ދާ މީހަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މެންބަރަކާއި މަޖިލީހުގެ ރައީސްއާ ބަންޑާރަ ނައިބާއި މި ހުސް ސިޔާސީ ބޭފުޅުންނެއް ނޫން ތޯ،" އަލްހާން ވިދާޅުވި އެވެ.

ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޖޭޕީގެ ކެންޑިޑޭޓު އަލްހާނު ފަހުމީ (މ) ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"އެހެންވީމާ ފަނޑިޔާރުން ހޫނު ފެނަށްލާން މިތިބީ ސިޔާސީ މީހުން. އެ ގޮތަށް އޮވެގެނެއް މިކަމެއް ނުވާނެ،"

ރާއްޖޭގެ އިތުރުން ދެން އެ މޮޑެލް އޮންނަ ގައުމަކީ ސައުތު އެފްރިކާ އެކަނި ކަމަށް އަލްހާން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ޖުޑިޝަރީއަށް ބާރުވެރިވާ ގޮތަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތު އެތަންތާންގައި އޮވެގެން އެކަން ކުރެވޭނެ ގޮތެއް ހޯދައިދޭން. ދުނިޔޭގެ އެހެން ބެސްޓް ޕްރެކްޓިސް އޮންނަ ގައުމުތަކުގައި އެކަން އޮންނަނީ އެހެން،" އަލްހާން ވިދާޅުވި އެވެ.

މީގެ ކުރިން ފޭދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރެއްވި އަލްހާން ވިދާޅުވީ، ހެންވޭރު އުތުރު ދާއިރާގެ ގޮނޑިއާ އޭނާ ކުރިމަތިލެއްވި ހިސާބުން ފެށިގެން އެ ދާއިރާގެ ގިނަ ރައްޔިތުންތަކެއް އޭނާއަށް ގުޅައި މެސެޖު ކުރަމުންދާ ކަމަށެވެ. އަދި އެ ރައްޔިތުންނާއި އޭނާއާ ދެމެދު 'ހިތާ ހިތުގެ ގުޅުމެއް' އުފެދިފައިވާކަން ވެސް އަލްހާން ވިދާޅުވި އެވެ.

އަލްހާންގެ ފަހަތުގައި ގިނަ އަދަދެއްގެ 'ގުންޑާއިން' ތިބޭ ކަމަށް އެކި ފަރާތްތަކުން ބުނަމުންދާތީ އޭނާ ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ.

"އެ ކުދިން މިތާ މަގުމަތީގައި އަޅުގަނޑާ އެކު ތިބޭ ތިބުމަށް ބޯ ދިގު ކޮށްފައި ހުންނަ ހުރުމަކީ އެ ކުދިންނާ ދިމާލަށް ކުށްވެރިންކަމަށް ދެކި ނުވަތަ ގޭންގް ސްޓާރުންކަމަށް ދެކި ބަޔަކު އިނގިލި ދިއްކޮށް އެކުދިންގެ އަބުރު ކަތިލައި އެކުދިންގެ އާއިލާއަށް އެކުދިންގެ މައިންބަފައިންގެ އިއްޒަތް ކަނޑާލަން ލިބޭ ފުރުސަތެއް ނޫން އެއަކީ އެއް،" އަލްހާން ވިދާޅުވި އެވެ.