ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރުމަށް އުފެއްދި ކޯލިޝަން މިހާރު ނުފެންނަ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ ބައިވެރިންނަށް ގުޅިގެން އިންތިހާބުގައި ވާދަ ކުރުމަށް އެއްބަސްވުމަކަށް ނާދެވި، މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮވެ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މުހިންމު ބައެއް ބިލްތައް ލަސްވުމުން ދާތީ އެކަމުގެ ކަންބޮޑުވުން ރައީސް ސޯލިހް ވަނީ މި ހަފްތާތެރޭ ފާޅުކޮށްފައެވެ.

މިރޭ ތުޅާދޫގައި ބޭއްވި އެ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ހިސާން ހުސައިންގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ނިކުތީ ކޮރަޕްޝަނާ ދެކޮޅަށް ކަމަށާއި ނަމަވެސް އިންތިހާބުގައި އެމްޑީޕީއާއެކު އިއްތިހާދުވި ބައިވެރިންގެ ތެރެއިން ބައެއް ފަރާތްތައް ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ކަމަށެވެ. އިންތިހާބު ކާމިޔާބު ކުރުމަށް އުފެއްދި ކޯލިޝަން މިހާރު ނުފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިންތިހާބަށް ނިކުންނަމުން ބުނީ، ވަގު ހިފާނަމޭ. ކޮރަޕްޝަން ނައްތާލާނަމޭ. އަޅުގަނޑުމެން އިންތިހާބަށް ނިކުމެތިބެ ގަދަ އަޅާ ދައްކަމުން ދިޔަ އެއް ވާހަކަ އަކީ، ރާއްޖޭގެ މުއްސަދިކަން އަޅުގަނޑުމެން އަތުން ބީވެ މިދާ މިންވަރު. ކޮރަޕްޝަންގެ ފަސާދަ އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ މިންވަރު،" ނަޝީދު ވިދާޅުވިއެވެ.

"އިންތިހާބަށް ފަހު، [ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ] ބިލު މަޖިލީހަށް އައުމުން، ހަމަ އެ އިއްތިހާތުގައި އަޅުގަނޑުމެންނާ ބައިވެރިވި މީހުން ބިލަކަށް ވޯޓެއް ނުދިން. ދެން އަޅުގަނޑުމެން އެނބުރި ބަލާލާއިރު އެބޭފުޅުންނާ އެބޭފުޅުންނާ ނަގޫ ގޮއްޖެހިފައި، އެ އިއްތިހާދެއް އަޅުގަނޑުމެންނަށް ނުފެނުނު،"

ރައީސް ނަޝީދު އެގޮތަށް ވިދާޅުވި އިރު، ކޮރަޕްޝަނާއި މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ބާރު ދޭ ބިލަށް ވޯޓަށް އެހުމަށް ހަތަރު ފަހަރެއްގެ މަތިން ތާވަލް ކުރިއެވެ. ނަމަވެސް ގާނޫނީ އަދަދަށް ބޭނުންވާވަރަށް މަޖިލިސް މެމްބަރުން ހާޒިރުވެފައި ނުވުމުން ވޯޓަށް ނެހެވެ. ވޯޓަށް ހާޒިރުނުވި މެމްބަރުންގެ ތެރޭގައި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ، ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވަ އެވެ.

ހަތަރުވަނަ ފަހަރަށް އެ ބިލު ވޯޓަށް އެހުމަށް ތާވަލު ކުރުމަށް ފަހު، ކޮމިޓީން ފޮނުވި ގޮތާ ހިލާފަށް އެބިލް ހުށަހަޅާފައިވާ ކަމަށް ބުނެ މެމްބަރަކު މައްސަލައެއް ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެދުވަހު އެޖެންޑާ އިން އެބިލަށް ވޯޓަށް އެހުމަށް ނަގާފައެވެ.